ޚަބަރު

ލީގުގެ ފެށުން ރަނގަޅުކުރަން ޔޫވީ ބަލިކުރަންޖެހޭ: ނިޒާމް


ލީގްގެ ފެށުން ރަނގަޅުކުރުމަށް ޔުނައިޓެޑް ވިކްޓްރީ ބަލިކުރުމަކީ މުހިންމުކަމެއްކަމަށް އެންމެ ފަހުގެ ލީގް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން ބުނެފިއެވެ.

ކޯވިޑް19އާ ގުޅިގެން ދިވެހި ޕްރިމިއަރ ލީގު މާދަމާ ފަށާއިރު، ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ޔުނައިޓަޑް ވިކްޓްރީއެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޝެރިޓީ ޝީލްޑް މެޗުން ބަލިވުމަކީ ޓީމްގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއްކަމަށާއި އެއްވެސް މެޗްއެއް ފަސޭހަކޮށްލުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި އެއްވެސް ޓީމަކީ ބަލި ޓީމެއްކަމަށް ދެކިގެން ނުވާނެކަމެއްކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުން ބަލިވުމުން، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މިހާރު ބޭނުންވަނީ ލީގުގެ ފެށުން ރަނގަޅުކޮށް، ޗެރިޓީ ޝީލްޑް މެޗުގެ ހަދާންތައް ނައްތާލަންކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

"ކޮންމެ ޓީމްއަކުންވެސް އެޓީމްއަކަށް ހެދުނު ހުރިހާ ކަމެއް ކުރާނެ މާޒިޔާ މޮޅުވިޔަ ނުދޭން. މާޒިޔާއިން މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ވިސްނުމެއް ނުހުންނާނެ. އެވިސްނުމުގައި މާޒިޔާ ނިކުންނައިރު މާޒިޔާއަށް އެއްވެސް މެޗްއެއް ފަސޭހައެއް ނުވާނެ. މާޒިޔާއިން ނިކުންނާނީ މެޗްގެ ޕްރެޝަރު ނަގައިގެން މެޗުން މޮޅުވާން." މާޒިޔާގެ ކޯޗް ނިޒާމް ބުންޏެވެ.

މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުނީ ޔޫވީން ނޮވެންބަރު މަހުގެ 11 އިން ފެށިގެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މާޒިޔާގެ މެޗަށް ތައްޔާރުވުމަށްކަމަށެވެ. ލީގްއަށް ތައްޔާރުވިނަމަވެސް އެންމެ ފުރަތަމަ މެޗުން މޮޅުވުން މުހިންމުކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ.

މިދިޔަ އަހަރު ޔޫވީން ދެއްކި ކުޅުމަށްވުރެއް މޮޅު ކުޅުމެއް މިއަހަރުގެ ސީޒަންގައި ޔޫވީގެ ފަރާތުން ފެންނާނެކަމަށާއި ލީގް ފެށުމުގެ ކުރިން ކުޅެވުނު އެކުވެރިކަމުގެ މެޗްތަކުގައިވެސް އެކުޅުން ފެނިފައިވާކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"ޔޫވީއިން މުބާރާތަށް ތައްޔާރުވެގެން ނިކުންނަނީ ކޮންމެ ޓީމެއްގެ އަތުންވެެސް މޮޅުވާން. ނަމަވެސް މިވަގުތު ރާއްޖޭގެ އޮތް ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމްއަކީ މާޒިޔާ. އެހެންވީމަ މާޒިޔާއާއި ދެކޮޅަށް ކުޅޭއިރުގައި ހުންނާނެ އުނދަގޫ ކަންތައްތަކެއް. މިހަފްތާގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ހާއްސަކޮށް މާޒިޔާ މެޗަށް. އެޓީމްގެ ބަލިފައިތަކަށް ބަލާ، އެޓީމް ބަލިކުރެވޭނެ ގޮތްތަކަށް އަޅުގަނޑުމެން ވިސްނާފައި އޮތީ" ޔޫވީގެ މޯޗް މުހައްމަދު އާދަމް ބުންޏެވެ.

މުހައްމަދު އާދަމް ބުނީ ރާއްޖޭގައި ހުރި އެންމެ ތަޖްރިބާކާރު އެއް ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި)ގެ ފަރާތުން ލިބުނު އެހީގައި ޓީމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިފައިވާކަމަށާއި އަދި ސާންތީގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާކަމަށެވެ.