ޚަބަރު

ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރެވުނަސް ކުޅުންތެެރިން ތިބީ ހަމަ ބިމުގައި- މޯހަން


ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރުމާއެކު ލީގްގެ ފުރަތަަމަ މެޗްގައި ނަތީޖާ ނެރެންޖެހޭކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިއަމަހުގެ 8 ވަނަ ދުވަހު މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ކުލަބް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައި މާޒިޔާއިން 2 ގޯލް ޖަހާފައިވަނިކޮށް ދެވަނަ ހާފްގައި ފަހަތުން އަރާ 3 ގޯލް ޖަހައިގެނެވެ. ލީގްގައި މިރޭ ކުޅޭ މެޗްގައި ވާދަކުރާނީ ކުލަބް އީގަލްސް އާއި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބްއެވެ.

ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބްއާ ވާދަކުރާ މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޗެރިޓީ ޝީލް މެޗް ކާމިޔާބުކުރެވުމާއެކު ޓީމްގެ ކުޅުންތެރިންނަށް އިތުރު ހިއްވަރެއް ލިބިފައިވާކަމަށާއި ރިޒްވާން އަހުމަދު އާއި ރާއިފް އަހުމަދު ހަސަން އިންޖަރީގައި އުޅުނުކަމަށް ވީނަމަވެސް ޓީމްގެ އެހެން ހުރިހާ ކުޅުންތެރިން ފިޓްކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗްގައި އުއްމީދު ކުރިވަރަށް ވުރެ މޮޅު ކުޅުމެއް ޓީމްގެ ފަރާތުން ފެނިގެންދިޔަކަމާއި މިރޭ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އާއި ދެކޮޅަށްވެސް ނިކުންނާނީ ނަތީޖާ ނެރެންކަމަށް އޭނާ ބުންޏެވެ. މޯހަން ބުނީ ފުރަތަމަ ވިސްނުން ހުރީ ރަގަނޅު ނަތީޖާއެއް ނެރެންކަމަށާއި އެއަށްފަހުގައި ރަނގަޅު ކުޅުމެއް ދެއްކޭތޯވެސް މަސައްކަތް ކުރާނެކަމަށެވެ.

ކުލަބް އީގަލްސް ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް މެޗްގައި ކުޅެ އެތަށި އީގަލްސްއަށް ހޯދައިދިން ކޯޗް މުހައްމަދު ޝިޔާޒް ބުނީ ކުލަބް އީގަލްސްގައި މިވަގުތު އޮތް ސްކޮޑްއާ މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން ކުލަބް އީގަލްސްގެ ޓީމުން މިއަހަރު ވަކިވެފައިވަނީ ކީޕަރު ސުޖަން އާއި ސެންޓޭ އެކަންޏެވެ. މޯހަން ބުނީ ޓީމެއްގެ ގޮތުގައި އީގަލްސްއިން މޮޅު ކުޅުމެއް އެންމެ ފަހު މެޗްގައި ދައްކާފައިވާކަމަށާއި ޓީމްއާއި ދެން އިތުރަށް ގުޅުމަށް ހަމަޖެހިފައިވާ ބިދޭސީ ކުޅުންތެރިން ޓީމްއާއި ގުޅުމުން މިހާރަށް ވުރެ ބޮޑަށް ޓީމްގެ ކުޅުން ރަގަނޅުވާނެކަމަށެވެ.

"ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗް މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމް ބަލިކޮށް، ކާމިޔާބުކުރެވުނުކަމަށްވިއަސް އީގަލްސްގެ ކުޅުންތެރިންގެ ފައިތައް ތިބީ ހަމަބިމުގަ. އެކުޅުންތެރިން އޯވާ ކޮންފިޑެންސްއެއް ނުވޭ. އަޅުގަނޑުމެންނަށް އިނގޭ އަޅުގަނޑުމެންގެ ހާލަތާއި އަޅުގަނޑުމެންގެ ފެންވަރާއި މިހުރިހާ އެއްޗެއްވެސް. ކުޅުނު ދުވަހު މަޒިޔާއަކީ ކިހާވަރެއްގެ ޓީމްއެއް ކަމާއި މާޒިޔާގެ ކުޅުންތެރިންނާއި މާޒިޔާގެ ކުޅުންވެސް އެނގޭ. އެހެން ވީމަ އަޅުގަނޑުމެން މިތައްޔާރުވަނީ އަޅުގަނޑުމެންގެ ފެންވަރު އެނގިގެން." އީގަލްސް ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ. 

އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް، ސަސްގެ ކޯޗް އަހުމަދު ނާޝިދު، ނާދު ބުނީ މިއަހަރުގެ ސީޒަންއަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ. އީގަލްސް މެޗްއަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާއި އުއްމީދަކީ އީގަލްސްގެ މެޗަށް ކުރި ހޯދާ ރަނގަޅު ކުޅުމެއް ސުޕަރ ޔުނައިޓަޑްގެ ފަރާތުން ފެނިގެންދިއުންކަމަށް ނާދު ބުންޏެވެ. އަދި ކުލަބް އީގަލްސްއާއި ދެކޮޅަށް ސަސްއިން ނިކުންނަ މެޗުގައި ޓީމްގައި ތިބި ބިދޭސީ ކުޅުންތެރިންނާއި ޓީމްގައި ތިބި ތަޖްރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ބޮޑަށް ހިފާނެކަމަށް ނާދު ބުންޏެވެ.

ނާދު ބުނީީ ކުލަބް އީގަލްސް ޓީމްގެ ފެންވަރު ވަރަށް ރަގަނޅަށް ޗެރިޓީ ޝީލްޑް މެޗުން އެނގިގެންގޮސްފައިވާކަމަށާއި ނަމަވެސް ސަސްގައި ތިބި ތަޖްރިބާކާރު ކުޅުންތެރިންގެ އެހީގައި ރަނގަޅު ކުޅުމެއް ފެނިގެންދާނެކަމަށް ގަބޫލް ކުރާކަމަށްވެސް ނާދު ބުންޏެވެ.

"ވީހާވެސް ބޮޑަކަށް މިބަލަނީ ތަޖްރިބާކާރު ކުޅުންތެރިން ލައިގެން ނަތީޖާ ނެރެވޭތޯ. މިހެން ބުންޏަސް ޒުވާން ކުޅުންތެރިންވެސް ކޮންމެވެސް ވަރަކަށް ބޭނުން ކުރާނަން. ސަސްއަށް އެއްވެސް ޕްރެޝަރެއް ނެތް. މިއަހަރު ސަސްއިން ބޭނުންވަނީ ފުރަތަމަ ޑިވިޝަންގައި އޮތުން، އެންމެ ފުރަތަމަ ކަމަކީ ފުރަތަމަ ޑިވިޝަންގައި އޮންނަ ވަރުގެ ޓީމްއެއް ބިނާކުރުން. ބައެއް ކުލަބްތަކުން ފުރަތަމަ ޑިވިޝަންއަށް އަލަށް އަރާ އަހަރުވެސް ވަރުގަދަ ގަދަ 4 އަށް ވަންނަން މަސައްކަތްކޮށްފައި އެބަހުރި، ނަމަވެސް ސަަސްގައި މިފަހަރު އެފަދަ ޓާގެޓްއެއް ނެތް. މިއަހަރު ފުރަތަމަ ޑިވިޝަންގައި އޮވެއްޖެކަމުގައިވާނަމަ، އަންނަ އަހަރުގައި ރަނގަޅު ޓީމްއެއް ބިނާކުރަން އުއްމީދު މިކުރަނީ" ސުޕަ ޔުނައިޓަޑްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބްއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ހިއްސާ ބޮޑު ކުލަބްއެއްކަން ފާހަގަކޮޮށްލެވެއެވެ.