ކުޅިވަރު

އެތުލެޓިކޯގެ މައްޗަށް ކުރި ހޯދައި، ތާވަލްގެ އެއްވަނައާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފި


ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު، ރެއާލުން ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ރެއާލުން މެޗުގެ 15 ވަނަ މިނެޓުގައި ކަސަމޭރޯ ކާމިޔާބުކޮށްދިންއިރު 2 ވަނަ ލަނޑަކީ އެތުލެޓިކޯގެ ކީޕަރު އޮބްލެކް އަތުން ބައިކޮޅަށް ވަނތް ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފްގައި އެތުލެޓިކޯއަށް ރެއާލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައިނުވާއިރު މިއީ ވޭތުވެދިޔަ 5 ސީޒަނުގައި ހާފެއް ނިންމާލިއިރު އެތުލެޓިކޯއަށް ހަމަލާއެއް އުފައްދާނުލާ ނިންމާލި ދެވަނަ ފަހަރުއެވެ.

މިމެޗުން ބަލިވުމާއެކު ލީގުގައި އެތުލެޓިކޯއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. މިމެޗާއި ހަމަޔަށްދިޔައިރު އެޓީމުން ވަނީ ބަލިނުވެ 26 މެޗު ހަމަކޮށްފައެވެ. އެތުލެޓިކޯއަށް ދެކޮޅަށް އެންމެފަހުން ޒިދާންގެ ކޯޗުކަމުގައި ކުޅުނު 7 މެޗުންވެސް ރެއާލް މެޑްރިޑް ބަލިވެފައެއް ނުވެއެވެ.

ސްޕެނިޝް ލަ ލީގާގައި ރޭ ވެލެންސިޔާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރި މެޗު 2-2 ލަނޑުން އެއްވަރުވި އިރު ސެވިއްޔާއިން ވަނީ ގަޓާފޭގެ މައްޗަށް 1-0 ނަތީޖާއަކުން ކުރި ހޯދާފައެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް އެތުލެޓިކޯ އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ 1 ވަނައިގައެވެ. 2 ވަނަގައި ރެއާލް ސޮސެއިޑާޑް އޮތީ 25 ޕޮއިންޓާއެކުއެވެ. 3 ވަނަގައި ރެއާލް މެޑްރިޑް އޮތީ 23 ޕޮއިންޓާއެކުއެވެ. 4 ވަނައިގައި ވިޔަރެއާލް އޮތީ 21 ޕޮއިންޓާއެކުއެވެ.