ޚަބަރު

ތާވަލްގެ 1ވަނައަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލްއަށް ގެއްލިއްޖެ


އިންގްލިޝް ޕްރިމިއަރ ލީގްގެ ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަރު ލިވަޕޫލްއިން ގެއްލުވާލައިފިއެވެ.

ރޭ ލިވަރޕޯލާއި ފުލަމް ވާދަކުރި މެޗު 1-1 އިން އެއްވަރުވުމުން ލިވަޕޫލަށް ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އެޓީމްއަށް ގެއްލިފައިވާއިރު، މިމެޗްއިން ޕޮއިންޓްއެއްވެސް ލިވަޕޫލަށް ހޯދުނީ ވަރަށް މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ. މިމެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެއިވަނީ ފުލަމް އިންކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ލަނޑު ޖާހާ ލީޑްނެގީ ފުލަމްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 25ވަނަ މިނެޓްގައި ޑި ކޮރްޑޮވާއެވެ. ފުލަމްއަށް މެޗުގެ ފުރަތަމަ ހާފްގައި ލީޑް އިތުރަށް ފުޅާކުރުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އަނިޔާއިން ސަލާމަތްވެގެން ކުޅެން ނިކުތް ލިވަޕޫލްގެ އެއް ނަންބަރު ގޯލްކީޕަރު އެލިސަން ބެކަރވަނީ މެޗްގައި މޮޅު ކުޅުމެއްދައްކާ ފުލްހަމްގެ ހަމަލާތަށް ވަރަށް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި ލިވަޕޫލުން ބޯޅަ ހިފައްހައްޓައިގެން ފުލަމްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ފުލަމްގެ ކުޅުންތެރިންވަނީ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ލިވަޕޫލްގެ ކުޅުންތެރިންނަށް ނުވަދެވޭގޮތަށް ޑިފެންސްލައިން ވަރުގަދަކޮށްފައެވެ. މިއާއެކު ލިވަޕޫލްއިން ދެވަނަ ހާފްގެ ފަހުކޮޅުގައި ގިނަ ވަގުތު ފުލަމްގެ ހާފްގެ ތެރޭގައި ބޯޅަ ގެންގުޅުނަސް، އެޓީމަށްވަނީ ފުލްހަމްގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތްނުވެފައެވެ.

މެޗްގައި ލިވަޕޫލްއަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 79ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ފުލަމްގެ ކުޅުންތެރިންއަކު އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

މެޗްއަށްފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކުލޮޕްބުނީ މެޗްގެ ފުރަތަމަ 30 މިނެޓްގައި އޭނާގެ ޓީމަށް މާ ރަގަނޅު ކުޅުމެއް ދެއްކިފައިނުވާކަމަށާއި އެވަގުތުގައި މެޗުން ބަލިވެދާނެކަމަށް ގަބޫލްވެސް ކުރެވުނުކަމަށެވެ. ދެވަނަ ހާފްގައި ކުޅުންތެރިންގެ ފާރާތުން ބޭނުންވާފަދަ މޮޅު ކުޅުމެއް ފެންނިގެންދިޔަ، އަދި އިތުރު ހަމަލާތަށްވެސް އުފެއްދުނީސްކަމަށް ގަބޫލް ކުރާކަމަށް ކުލޮޕް ބުންޏެވެ. މިއީ އިސްނާނުންކަމަށްވާތީ، މިފަދަ ދުވަސްތައްވެސް އަންނާނެކަމަށް ގަބޫލް ކުރަންޖެހޭކަމަށާއި މެޗްުން ބަލިނުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހުމުންވެސް ހިންހަމަޖެހޭކަމަށް ޕިވަޕޫލްގެ ކޯޗް ކުލޮޕް ބުންޏެވެ.

ފުލަމްގެ ކޯޗް ސްކޮޓް ޕާކާރބުނީ މެޗްގައި މޮޅު ކުޅުމެއް ފުލަމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނުކަމަށާއި މެޗުން 3 ޕޮއިންޓް ފުލަމްއަށް ހައްގުކަމަށް ގަބޫލް ކުރާކަމަށެވެ. މެޗްގެ ފުރަތަމަ ހާފްގައި ޓީމުގެ ފާރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފްގައި ބޮޑުބައިގައި ޖެހުނީ ޑިފެންސްކޮށްގެން ކުޅެންކަމަށް ޕާކަރ ފާހަގަކުރިއެވެ.

ތާވަލްގެ ކުރީގައިވާ ޓޮޓްހެންހަމްއާއި ޕިވަޕޫލަށްވެސް 25 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ 1ވަނަ ޓޮޓްހެންހަމްއަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.