ކުޅިވަރު

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލްގެ މައްޗަށް ބާންލީއިން ކުރި ހޯދައިފި


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލްގެ މައްޗަށް ބާންލީއިން ކުރި ހޯދައިފިއެވެ.

އިންގްލިޝް ޕްރިމިއަރ ލީގްގެ ރެލިގޭޝަން ޒޯނަށްވުރެއް އެއް ޕޮއިންޓް ކުރީގައި އޮތް ބާންލީއިން އާސެނަލްގެ މައްޗަށް ކުރި ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މެޗުގެ 56 ވަނަ މިނެޓްގައި އާސެނަލްގެ ގްރެނިތް ޒަކާއަށްވަނީ ނުރައްކާތެރި ކުޅުމަކާއި ގުޅިގެން ރަތް ކާޑްދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ އާސެނަލްގެ އަމިއްލަ ދަނޑުގައި އެޓީމް ބަލިވި 4 ވަނަ މެޗެވެ. މިއީ 61 އަހަރު ފަހުން އާސެނަލްއިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 4 މެޗްއިން ބަލިވި ފުރަތަމަ ފަހަރެވެ.

އާސެނަލްގެ އެމެރިކް އަބުމަޔަންއަށް ލަނޑު ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ފުރުސަރުގެ ބޭނުން ހިފޭގޮތް ނުވިއިރުގައި، މެޗްގެ 73ވަނަ މިނެޓްގައި ބާންލީއިން ޖެހި ލަނޑަކީ އާސެނަލްގެ އަބުމަޔަންގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މިމެޗްގައި އާސެނަލްއަށް ލީޑް ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގައި އެޓީމަށްވަނީ ބާންލީގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވަފައެވެ.

މިމެޗްއިން ލިބުނު ތިން ޕޮއިންޓްއާއެކު ބާންލީވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެފައެވެ. މިބައްޔާއެކު އާސެނަލްއޮތީ ތާވަލްގެ 15ވަނާގައި 13 ޕޮއިންޓްއާއެކުއެވެ.