ޚަބަރު

އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްޓީސީސީން އަދާކުރަނީ ނަމޫނާ ދަޢުރެއް -ރައީސް


ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަނީ ނަމޫނާ ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އެމްޓީސީސީ އުފެއްދެވީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށެވެ.

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19އިގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމް.ޓީ.ސީ.ސީ.ގެ މުޅި ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަމަށެވެ.

"ކޯވިޑް-19އިގެ ދަތިތަކާއެކުވެސް، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19އިގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމަށާއި، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުގެ ތެރޭގައި، އިސްކަން ދީގެން ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، އެ މަޝްރޫޢުތަކުގެ ތެރެއިން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ޤަބޫލުކުރެވޭތީކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ.ގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތެއް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.