ޚަބަރު

އެއްވަނަ ދަރަޖާގައި ފާސްވާ ޙާފިޡުންނަށް ރައީސްގެ ޚާއްސަ މެޑަލެއް


28 އޮކްޓޯބަރު، 2019: ދިވެހި ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށާއި، 2019 ވަނަ އަހަރުގެ ޤައުމީ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމްނިއުސް

ކީރިތި ޤުރްއާން ހިތުދަސްކޮށް، 1ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މިއަހަރުން ފެށިގެން ޚާއްޞަ މެޑަލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

1ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑަލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ. އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ 4 ޙާފިޡުންނަށް މި މެޑަލް މިއަހަރު ދެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2ވަނަ ދަރަޖަ އަދި 3ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައިކަމަވެސްވަނީ ވިދާޅުވެފައެވެ.

މިމަހުގެ 26ވަނަ ދުވަހު ބާއްވާ ޙަފްލާގައި ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދިނުން އޮންނާނެއެވެ.
މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމު ހުށައަޅާފައިވެއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް 57ފޯމު ހުށައަޅާފައިވެއެވެ.