"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ކިޔެވުން މާދަމާއިން ފެށިގެން ދައްކާގޮތަށް ނިންމައިފިއެވެ.
މުބާރާތުގެ ކިޔެވުން ދެއްކުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުން ފެށިގެން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވީޓީވީންނާއި ވީޓީވީގެ ފޭސްބުކް ޕޭޖުންނާއި ޓުވިޓާއިންނެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް ޕޭޖުންވެސް ދައްކާގޮތަށް ވަނީ ނިންމާފައެވެ.
ކިޔެވުން ދެއްކުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ހެނދުނު 8:00 އިން 10:00 އަށް، ދެވަނަ ދަންފަޅި މެންދުރުފަހު 15:00 އިން 16:00 އަށް، އަދި 17:00 އިން 18:00 އަށް، އަދި ތިންވަނަ ދަންފަޅި 18:00 އިން 19:45 އަށެވެ.
ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ ފައިނަލް ބުރަށް 343 ބައިވެރިން ހޮވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ވީޑިއޯ ފޮނުވި 2593 ބައިވެރިންގެ ވީޑިއޯ ފަނޑިޔާރުން ބެއްލެވުމަށްފަހު ފައިނަލް ބުރަށް ހޮވުނު 343 ބައިވެރިންނެވެ.
މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ ދިގުރާގާއި ކުރު ރާގު ކެޓަގަރީއެވެ. ފައިނަލް ބުރުގައި ދިގުރާގު ކެޓަގަރީއަށް 34 ބައިވެރިން އަދި ކުރު ރާގު ކެޓަގަރީއަށް 309 ބައިވެރިން ވަނީ ހޮވިފައެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ ފައިނަލް ބުރުގެ ކިޔެވުންތައް ދައްކާ ނިމުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިފަހަރުގެ މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން އަންހެން ފިރިހެންވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެކެޓަގަރީން ކޮންމެ ކެޓަގަރީއަކުން ހުރިހާ ޢުމުރުފުރާއެއް އެއްކޮށް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހުރިހާ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ފަރާތަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޤައުމީ ޤުރުއާން މުބާރާތް ވަރޗުއަލްކޮށް ބޭއްވުމަށް ނިންމީ ކޯވިޑް-އި19ގެ ޙާލަތާ ގުޅިގެންނެވެ.