ރާއްޖޭގައި މިހާރުވެސް މަސްވެރިންގެ އަތުން އެންމެ ރަނގަޅު އަގެއްގައި މަސް ގަންނަމުންދަނީ މިފްކޯއިންކަމަށް އެކުންފުންނިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެ ކުންފުންޏަށްވެސް ވާ ގެއްލުން ކުޑަކޮށް މަސްވެރިންނަށްވެސް ރަނގަޅު އަގެއް ހޯދައިދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
މިފްކޯއިން މަސް ގަންނަމުން ދަނީ އެންމެ ރަނގަޅު އަގުގައި ކަން އެކުންފުނިން ހާމަކޮށްފައިވާއިރު، މިފްކޯއިން މަސް ގަންނަ އަގާއި މެދު ހިތްހަމަނުޖެހި އަދި މަސް ކިރުމަށް ގިނަ ވަގުތު ހޭދަވަމުންދާތީ މަސްވެރިން ވަނީ ދާދި ފަހުން ޅ.ފެލިވަރުގައި މުޒާހަރާކޮށްފައެވެ.
މިފްކޯއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެކުންފުނިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން މަސް ގަންނަން ފިކްސްޑް ރޭޓެއް އޮންނަ އޮތުމަށް ނިމުމެއް ގެނެސް، މަސްވެރިންގެ އަތުން މަސް ގަންނައިރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުޅޭ ނިސްބަތުން މަސް ގަތުމަށް މިފްކޯއިން ވަނީ ނިންމައިފައެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މިދުވަސްކޮޅު ރާއްޖޭގެ އުތުރުގައި މަސްވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. މިއާއެކު މިފްކޯގެ ފެލިވަރު މަސް ކާރުޙާނާގެ ކެޕޭސިޓީ ފުރެމުންދާ ކަމަށާއި މިކަމަށް ހައްލުތަކެއް ހޯދުމަށް މިފްކޯއިން މަސައްކަތްކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"ފެލިވަރުއަކީ މަސް ފްރީޒްކޮށް ސްޓޯރ ކުރެވޭނެ އިންތިޒާމްތައް ހުރި ތަނެއް ނޫން، އެންމެ ގިނައިންވެސް ސްޓޯރ ކުރެވޭނީ 750 ޓަނު، އަދި މަސް ގެނައީމަ ޖެހޭ ފްރީޒްކުރަން، އެތަނުގައި ފްރީޒް ކުރެވޭކަށް ނެތް، މިފްކޯގެ 101 އަދި މަހާ ކަލަމިންޖާ ފެލިވަރުގައި ބަނދަރުކޮށް އެ ބޯޓުތަކުގައި ކޫއްޑޫއަށް މަސް މި ގެންދަނީ" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ މިގޮތަށް ފެލިވަރުން ކޫއްޑޫއަށް މަސް ގެންދަން ޖެހުމުން ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ. އަދި މިކަމަށްވެސް އިތުރު ހައްލުތަކެއް ހޯދުމަށް މަސްގަނެ އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިވާ އަމިއްލަ ފަރާތަކުން ހިންގާ، ށ. ކީކިމިނީ ސްޓޯރޭޖް ފެސިލިޓީވެސް މިފްކޯއިން މިހާރު ބޭނުންކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
" މިހާރު ކީކިމިނީގައި މަސް ބަހައްޓަމުން މިދަނީ، އެކުންފުންޏާއި އެކު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ވަގުތީގޮތުން މަސް ބަހައްޓަނީ،" އިސްމާއިލް ވިދާޅުވިއެވެ.
ފާއިތުވީ އަހަރާއި މި އަހަރާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް މަސްވެރިކަން އެންމެ ރަނގަޅު ދެ އަހަރެވެ. މިފްކޯއިން މިދިޔަ އަހަރު 48400 ޓަނުގެ މަސް ގަނެފައިވާ ކަމަށާއި މިއަހަރުގެ މިހާތަނަށްވެސް 46000 ޓަނަށްވުރެ ގިނަ މަސް މިފްކޯއިން ގަނެފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މިފްކޯއިން ދަނީ އެކުންފުނީގެ މަސް ފެކްޓްރީތައް އަޕްގްރޭޑްކުރުމަށްޓަކައި ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ. އަދި މިފްކޯއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތްތަކާއެކު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު 6000 އަށް އިތުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ. އަދި ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރުގައި 240 ޓަނާއި ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން އަންނަ އަހަރުތެރޭ މ.މުލަކާއި ގދ.ތިނަދޫގައި މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.