ވިޔަފާރި

މާލޭގައި ހުޅުވާ ދިވެހި އުފެއްދުންތަކަށް ޙާއްސަ ފިހާރައަށް ބޮޑު ތަރުޙީބެއް


މާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދިވެހި އުފެއްދުންތަކަށް ޙާއްސަ ފިހާރައަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް ބީސީސީން ހާމަކޮށްފިއެވެ.

ބީސީސީން ބުނީ މި ފިހާރައިގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުން ބޮޑު ތަރުޙީބެއް ލިބެމުންދާތީ ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެވިފައިވާ މުއްދަތު އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެެ.

ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ، ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާ ފިހާރަތަކެކެވެ.

ބީސީސީން މާލޭގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސް ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ އޯކިޑުމަގު މ. ކަނީރުވިލާގެ ތިރީ ފްލޯގައެވެ. މި ފިހާރަ ހިންގުމަށް ހަމަޖެހިފައިވަނީ ކެފޭ އަކާއިވެސް އެކުއެވެ.

މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ބީސީސީން ވަނީ ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ ސެންޓްރޯ މޯލްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ. ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައިވެސް ބީސީސީ އޯތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވަނީ ހުޅުވާފައެވެ.