ދުނިޔެ

ޔޫކޭއިން އިއްޔެ އެކަނިވެސް ބައިލައްކަވުރެ ގިނަ މީހުންނަށް ބަލިޖެހުނު


އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ކޯވިޑްގެ އައު ވައްތަރެއް ފެތުރެމުންދާ އިނގިރޭސިވިލާތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 53،135 މީހުންނަށްވަނީ ބަލި ޖެހިފައެވެ. އިއްޔެ ވެގެންގޮސްފައިމިވަނީ މި ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ މީހުންނަށް އެ ޤައުމުން ބަލި ޖެހުނު ދުވަހުގެ ގޮތުގައެވެ. އިއްޔެ މި އަދަދަށް މީހުންނަށް ބަލިޖެހުނު އިރު އޭގެ ކުރީ ދުވަހު މި އަދަދު ހުރީ 40،000 ގައެވެ.

މިއަދަދުތައް މިހާ މައްޗަށް އަރާފައިމިވަނީ މިިދޔަ ޗުއްޓީ ދުވަސްވަރު ބަލިޖެހުނު މީހުންގެ ޢަދަދު ފުރިހަމައަށް ރިޕޯޓުކޮށްފައި ނުވާތީކަމަށް ބެލެވެއެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ އާންމު ޞިއްޙަތާއި ބެހޭ އިދާރާއިން ބުނީ މި ޢަދަދުން ދައްކުވައިދޭނީ ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަވަރުކަމަށެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރަށްވުރެ މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެ ން ފަރުވާ ހޯދަންޖެހިފައިވާ މީހުންގެ އަދަދު ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އިއްޔެގެ ހެނދުނާއި ހަމައަށް މިއަދަދު ހުރީ 5،371 މަތީގައެވެ. އޭޕްރިލްމަހު ބަލީގެ ފުރަތަމ ރާޅާ އިނގިރޭސީން ކުރިމަތިލީއިރު މިއަދަދު ހުރީ 5200 ވުރެ ދަށުގައެވެ.

އިއްޔެ އެކަނިވެސް 2،322 މީހުންވަނީ ހަސްފަތާލުގައި އެޑްމިޓްކޮށްފައެވެ. އިއްޔެ މި ބަލީގައި 414 މީހުންވަނީ މަރުވެފައެވެ. މިއާއެކު މި ބަލިޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު މިވަނީ 71،567 އަރާފައެވެ.

އިނގިރޭސިވިލާތުގެ އާންމު ޞިއްޙަތާއި ބެހޭ އިދާރާގެ ޙާއްޞަ ޞިއްޙީ މުޝީރެއްކަމަށްވާ ޑރ. ސޫސަން ހޮޕްކިންސް ވިދާޅުވީ އެޤައުމުގައި ކުރިން ހީކުރި ވަރަށްވުރެ މާ ގިނަ މީހުންނަށް ބަލިޖެހެމުންދާކަމަށެވެ. ހަސްފަތާލުތަކުގެ ޙާލަތު ވަރަށް ނާޒުކުވެފައިވާ މި ދަނޑިވަޅުގައި ބަލިޖެހޭ މީހުންގެ ޢަދަދު ހަލުވިކަމާއެކު އިތުރުވަމުން ދިޔުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.