ކުޅިވަރު

ކޮސްޓާ އެދުނު ގޮތަށް އެތުލެޓިކޯއިން އެއްބަސްވުން އުވާލައިފި


އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރަން އޭނާ އެދިފައިވަނިކޮށް އެއްބަސްވުން އުވާލަން އެތުލެޓިކޯ މެޑްރިޑުން ނިންމައިފިއެވެ. ލުއިސް ސުއަރޭޒް، މި ސީޒަންގައި އެތުލެޓިކޯއަށް ބަދަލުވި ފަހުން، ކޯޗް ޑިއޭގޯ ސިމިއޯނީގެ ފޭވަރިޓް ސްޓައިކަރަކީ ސުއަރޭޒްއެވެ. އެތުލެޓިކޯއިން ވަނީ އެ ޓީމުގެ އަނެއް ސްޓައިކަރު އަލްވާރޯ މޮރާޓާ ލޯން އުސޫލުން ޔުވެންޓަސްއަށް ދޫކޮށްފައެވެ.

އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާން އޮތް ނަމަވެސް، އެތުލެޓިކޯގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވުމާ ގުޅިގެން ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު އަންގާރަ ދުވަހުގެ އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮސްޓާ އެތުލެޓިކޯގެ އެއްބަސްވުން އުވާލުމަށް އެދުނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާގައި އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވާން ބޭނުންވާތީއެވެ. އެގޮތުން ކޮސްޓާ ހޯދުމަށް އާސެނަލާއި ވުލްވްސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ލަލީގާގެ ތާވަލުގެ އެއް ވަނައިގައި އޮތް ނަމަވެސް، މިވަގުތަކީ އެތުލެޓިކޯއަށް އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ވަގުތެކެވެ. ޓީމުގެ ޑިފެންޑަރު ކިރަން ޓްރިޕިއާގެ މައްޗަށް ކުރިމަތިވި ބެޓިން ތުހުމަތާ ގުޅިގެން އޭނާ ވަނީ 10 ހަފުތާއަށް ސަސްޕެންޑް ކޮށްފައެވެ.