ކުޅިވަރު

މޮޅާކާއެކު އެތުލެޓިކޯއިން އަހަރު ނިންމާލައިފި


ސްޕެނިސް ލަލީގާގައި ގެތާފޭ ބަލިކޮށް އެއްވަނައިގަ އޮވެ އެތުލެޓިކޯއިން އަހަރު ނިންމާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތުލެޓިކޯއިން ޖެހީ މެޗުގެ ފުރަތަމަ ހާފްގައި ލުއިސް ސުއަރޭޒްއެވެ. ރޭގައި ޖެހި ލަނޑާއެކު ސުއަރޭޒް ވަނީ އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ 11 މެޗުން 8 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ އެތުލެޓިކޯގެ ކުރީގެ ފޯވާޑް ރަޑަމަލް ފަލްކޯއާއި ޖެހި އަދަދާއި އެއްވަރު އަދަދެކެވެ.

ރޭގެ ހޯދި މޮޅާއެކު އެތުލެޓިކޯ ކޯޗެއްގައި ގޮތުގައި ސިމިއޯނީ ހޯދި މޮޅުގެ އަދަދު ވަނީ 500 އަށް އަރާފައެވެ. އަދި މިއީ ކޯޗެއްގެ ގޮތުގައި ލީގުގައި އޭނާ އެތުލެޓިކޯއަށް ހޯދައިދިން 300 ވަނަ މޮޅެވެ. ޑިއޭގޯ ސިމިއޯނީ ވަނީ 2014 ވަނަ އަހަރު ލަލީގާ އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ރޭގައި ލީގުގައި ސެލްޓަވީގޯ އިން ހެއުސްކާގެ މައްޗަށް ކުރިހޯދާފައެވެ. ގްރެނާޑާ އިން ވަނީ ތިންރަތްކާޑު ފެނުނު މެޗުގައި ވެލެންސިޔާގެ މައްޗަށް ކުރިހޯދާފައެވެ.

މި ނަތީޖާއެކު ލީގުގެ ކުރީގަ އެތުލެޓިކޯ އޮތީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެތުލެޓިކޯ އެއްވަނައިގަ އޮތީ 14 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. މެޑްރިޑު ދެވަނައިގަ އޮތީ 16 މެޗުން 33 ޕޮއިންޓާއެކުގައެވެ. ރެއާލް ސޮސެއިދާދް ތިންވަނައިގަ އޮތީ 16 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާއަށް 14 މެޗުން ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ހަތަރުވަނައިގައެވެ. ސްޕެއިންގެ ގަދަބާރު ބާސެލޯނާ އަހަރު ނިންމާލީ 15 މެޗުން 25 ޕޮއިންޓް ހޯދައިގެން 6 ވަނައިގައި އޮވެގެންނެވެ. މިއީ 7 ވަނައިގަ އޮތް ގްރެނޭޑާއަށް ވުރެ އެއްޕޮއިންޓް އިތުރު އަދަދަދެކެވެ. އަދި 8 ވަނައިގައިވާ ސެލްޓަވީގޯއަށް ވުރެ ދެ ޕޮއިންޓް އިތުރު އަދަދެކެވެ.