ކުޅިވަރު

އިބާދާއި ޝާޔާ ޤައުމީ ރިކޯޑުތައް މުގުރާލައިފި


ގައުމީ ޓީމުގެ ދުވުންތެރިޔާ އިބާދުﷲ އާދަމް ޖޫނިއާ 100 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައިފިއެވެ.

އިބާދުﷲ 100 މީޓަރު ޖޫނިއާ ރެކޯޑް މުގުރާލީ އިއްޔެ ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި 10.97 ސިކުންތުން ދުވެގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ މީގެ ދެ އަހަރު ކުރިން އެ ރެކޯޑް ހާސިލްކުރި ދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އަތުގައެވެ. އައްޕިގެ ޓައިމިން އަކީ 11.08 ސިކުންތެވެ. އިބާދުﷲ ރެކޯޑް މުގުރާލީ 0.11 ސިކުންތުގެ ފަރަގަކާ އެކުގައެވެ. އިބާދުﷲ ވެފައިވަނީ 11 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ޖޫނިއާ ދުވުންތެރިޔާއަށެވެ.

2006 ގައި އައިޝަތު އީވާ އަބްދުލްގަފޫރު 25.36 މީޓަރަށް ޑިސްކަސް އުކުމުގެ ރެކޯޑް ހަދަފައިވަނިކޮށް އިއްޔެ 26.02 މީޓަރަށް އުކައިގެން އައިޝަތު ޝަޔާ ޝަފީއު ވަނީ ފީލްޑް އިވެންޓެއް ކަމަށްވާ ޑިސްކަސް އުކުމުގެ ގައުމީ އަންހެން ރެކޯޑް މުގުރާލައިފައެވެ.

އިބާދުﷲ އާއި، ޝާޔާގެ ކާމިޔާބީ ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠަލާލް ވަނީ ދެ އެތްލީޓުންނަށް މަރްޙަބާކިޔާފައެވެ.