ކުޅިވަރު

ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް، މިގޮތުގައި ހިފަހައްޓަންޖެހޭ : ސިމިއޯނީ


ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި މިގޮތުގައި ލީގު ނިމެންދެން ޓީމުން ހިއްވަރު ކުރަންޖެހޭކަމަށް ސްޕެނިޝް ލަލީގާގެ އެއްވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ ބުނީ އެތުލިޓިކޯއިން އަބަދުވެސް ތައްޔާރުވަމުން ދާނީ މެޗެކަށްފަހު މެޗެއްކަމަށެވެ. އޭނާ ބުނީ މުޅިއަހަރު ތެރޭގައި ހާސިލް ކުރެވުނު އެއްޗެއް ބަލަން ބޭނުން ނުވާކަމަށާއި އޭނާގެ ވިސްނުން އަބަދުވެސް ގެންގުޅެނީ ސީޒަނެއްގައި ކަނޑައެޅޭ ޓާގެޓަށް މަސައްކަތް ކުރުންކަމަށެވެ. އަހަރު ނިމެގެން ދިޔައިރު ލަލީގައި އެއްވަނައިގައި އެތުލެޓކޯ އޮތް އިރު އެޓީމުން ވަނީ ނިމިގެން ދިޔައި 2020 ވަނަ އަހަރުގައި އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ހިފަހައްޓާލާފައެވެ.

މިއީ 1998 ވަނަ އަހަރުފަހުން އެޓީމަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާއެވެ. އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު 14 މެޗު ކާމިޔާބުކޮށް ހަތަރު މެޗު އެއްވަރުކޮށްފައެވެ.

އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނީ ހުސްވި ސީޒަންގައި ޓީމުން އަމާޒު ހިފީ ޗެމްޕިއަންސް ލީގާހަމަޔަށް ދިޔުމަށްކަމަށާއި އެކަން ހާސިލުކުރަން ޓީމުން ކުރިއެރުން ހޯދިތަން ފެނުނުކަމަށެވެ. ލީގު މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ޓީމުން ވަރަށް ރަނގަޅު ވިސްނުމަކާއެކު ފަށައިގަނެވުނު ކަމަށާއި އެ ރޫހު އަދިވެސް ޓީމުގައި އެބޮތްކަމަށް ސިމިއޯނީ ބުންޏެވެ. ކާމިޔާބު ސީޒަނަކަށް ހެދުމަށް އެހިއްވަރު ސީޒަން ނިމެންދެން ޓީމުން ދައްކަންޖެހޭ ކަމަށާއި، ވާދަވެރި މެޑްރިޑްގެ މައްޗަށް އެތުލެޓިކޯއިން ކުރި ނުހޭދޯތާ 14 އަހަރުވެއްޖެ ކަމަށާއި އެކަން މި ސީޒަންގައި ނިމުމަކަށް ގެންނަ ބޭނުންވާކަމަށް ސިމިއޯނީ ބުންޏެވެ. އެތުލެޓިކޯއިން ވަނީ ވާދެވެރި ބާސެލޯނާ އަހަރުތަކަކަށްފަހު މި ސީޒަންގައި ބަލިކޮށްފައެވެ. ސިމިއޯނީ ބުނީ ކޮންމެ މެޗަކަށް ވެސް އެތުލެޓިކޯއިން ނުކުންނާނީ ޓީމުގެ ސްޓައިލުގައި ކުޅެ މޮޅުވާންކަމަށެވެ.

އެތުލެޓިކޯއިން މިވަގުތު ލަލީގާގެ ތާވަލުގެ އެއްވަނައިގަ އޮތީ ކުޅުނު 14 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު އެތުލެޓިކޯ ނުކުންނާނީ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލްވޭސްއާ ދެކޮޅަށެވެ.