ކުޅިވަރު

ރެއާލް މޮޅުވެ ތާވަލުގެ އެއްވަނައަށް


ސްޕެނިޝް ލަލީގާގައި ރެއާލް މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލް މޮޅުވީ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން 2-0 މޮޅުވެގެންނެވެ. މެޗު ފަށައިގެން ހަވަނަ މިނިޓުގައި ލޫކަސް ވަޒްކުއެޒްގެ ލަނޑުން ލީޑު ނެގިއިރު މެޑްރިޑަށް ލީޑު އިތުރަށް ފުޅާކޮށްދިނީ މާކޯ އެސެންސިއޯއެވެ. މިއީ އޭނާ މިސީޒަނުގައި މެޑްރިޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިމެޗާ ކުރިމަތިލީއިރު ސެލްޓަވީގޯއިން މިދިޔަ ނޮވެންބަރު މަހު 21 ވަނަ ދުވަހު ލީގުގައި ބަލިވިފަހުން މެޗަކުން އެޓީމު ބަލިވެފަނުވެއެވެ. މެޗުގައި ސެލްޓަވީގޯއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މި ސީޒަންގައި ލަލީގާގެ މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ލަގޯ އަސްޕަސްއަށް ދެވަނަހާފްގެ ކުރީކޮޅު އަނިޔާވެގެން ބަދަލުކުރަން ޖެހެމެވެ.

ރޭގައި ލީގުގައި ސެވިއްޔާ އާއި ރެއާލް ބެޓިސްގެ ވާދަކުރި މެޗު އެއްވަރުވިއިރު ވިޔަރެއާލް ވަނީ ލެންވަންތޭގެ މައްޗަށް ކުރިހޯދާފައެވެ. ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގަ ރެއާލުން އޮތީ 17 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ދެވަނައިގަވާ އެތުލެޓިކޯ މެޑްރިޑަށްވުރެ ތިން މެޗު އިތުރަށް ކުޅެގެންނެވެ. އެތުލެޓިކޯ މެޑްރިޑް ދެވަނައިގަ އޮތީ 14 މެޗުން ހޯދި 35 ޕޮއިންޓާއެކުގައެވެ. ރެއާލް ސޮސެއިޑާޑް ތިންވަނައިގަ އޮތީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައިވާ ވިޔަރެއާލްއިން ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދާފައެވެ.