ކުޅިވަރު

ތާވަލަށް ބެލުމުގެ ބޭނުމެއްނެތް-ޔުވީއަކީ ވަރުގަދަ ޓީމެއް: ޝާޒްލީ


ޔުނައިޓަޑް ވިކްޓްރީ ލީގް ތާވަލްގައި އޮތް ހިސާބަށް ބަލައިގެން މެޗު ފަސޭހަކޮށްލެވެން ނެތްކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި މިރޭ ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓަޑް ވިކްޓްރީއެވެ. މެޗަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ލީގުގެ ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާއިރުވެސް މެޗް ފަސޭހަކޮށްލުމުގެ ފުރުސަތެއް ޓީސީއަށް ނެތްކަމަށެވެ. މިމެޗަށް ނިކުންނައިރު، ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުން ޓީސީއަށް ލިބިފައިވަނީ 4 ޕޮއިންޓް އަދި ޔޫވީއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީބުނީ މެޗު އުދަގޫވާނެ އެންމެ ބޮޑު އެއް ސަބަބަކީ ލީގުގެ އެންމެ ފުލުގައި ޔޫވީ އޮތުމުންކަމަށާއި ޔޫވީއިންވެސް ތާވަލްގެ އެންމެ ފުލުގައި އޮންނަން ބޭނުންނުވާނެކަށެވެ. އެޓީމުގެ ކުޅުމާއި އެޓީމުން ގެންނަ ބަދަލުތައްވެސް މިމެޗުގައި ތަފާތުވާނެކަމަށާއި، ޓީސީއިން މިމެޗަށް ނިކުންނާނީ މިއީ ވަރަށް އުދަގޫ އަދި ވަރަށް ވަރުގަދަ މެޗެއްކަމަށް ދެކިގެންކަމަށްވެސް ޝާޒްލީ ބުންޏެވެ.

"މިހާރު މިއާއި ހިސާބަށް އައިއިރު، ޔުވީ ކުޅެފައި ހުރި މެޗްތަކާއި ޓީސީ ކުޅެފައި ހުރި މެޗްތަކަށް ބަލާއިރު ފަހަރު ފެންނާނެ، ލީގްގައި އެންމެ ފުރަތަމަވެސް ޔޫވީއަށް ދިމާވެފައި އެއިނީ މުބާރާތުގެ އެންމެ ވަރުގަދަ ދެ ޓީމް. މާޒިޔާ އާއި ވެލެންސިޔާއާއި އިދިކޮޅަށް ކުޅޭއިރު އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެހެން ހީވަނީ ނަތީޖާ އަބުރާލާކަށް. ނަމަވެސް މުޅި ޔުނައިންޓަޑް ވިކްޓްރީ ޓީމަށް ބަލާލާއިރު، އެޓީމުގެ ފޯވާޑްލައިންގައި މިތިބީ ވަރަށް ވަރުގަދަ ކުޅުންތެރިން. ފޯވާޑް ލައިން އެކަންޏެއް ނޫން. ޓީމުގެ މެދުތެރެވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް. އަދި ޓީމުގެ ބަދަލުތަކަށް ބަލާލާއިރުވެސް، އަރަންވެސް ތިބީ ވަރަށް ރަގަނޅު ކުޅުންތެރިން. ޔޫވީއާއި ދޭތެރޭގައި ފަސޭހަކޮށް ވިސްނުމުގެ ފުރުސަތެއް ނެތް، އަދި މިލީގުގައި ފަސޭހަކޮށް ވިސްނާނެ ޓީމެއްވެސް ނެތް. ޔޫވީ މެޗް ވަރަށް އުދަގޫވާނެ." ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް ޝާޒްލީ ބުންޏެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ ޓީސީ މެޗާއި ކުރިމަތިލާއިރު ޔޫވީއަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ. އެގޮތުން ފުރަތަމަ 11ގައި ކުޅޭ 4ކުޅުންތެރިއަކަށް އަނިޔާވުމުގެ ސަބަބުން ކޯޗު ބޭނުންވާ ގޮތަށް ޓީމް ލައްވާ ކުޅުވަން އުދަގޫކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ. އެންމެ ފަހުން ކުޅުނު ގްރީން މެޗުގައި ފަހަތުން އަރާ މެޗް އެއްވަރުކުރުމަކީ ޔޫވީއަށް ލިބިގެންދިޔަ ހިއްވަރެއްކަމަށާއި ގްރީން މެޗްގެ ދެވަނަ ހާފްގައި ޔޫވީގެ ފަރާތުން ފެނުނު ކުޅުމާއިމެދު ވަރަށް ހިންހަމަޖެހޭކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ. އަދި ހާއްސަކޮށް ޓީސީ މެޗްގައި އެކުޅުން ތަކުރާރު ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"މުބާރާތެއް ކުރިއަށްދާއިރު، ކޮންމެ ޓީމެއްވެސް ވަރުގަދަ މެޗްތައް ކުޅެންޖެހޭނެ، ޔޫވީއަށް އެންމެ ފުރަތަލަ ކުޅެންޖުހުނީ ވަރުގަދަ ދެ ޓީމާއި. އަދި އެމީހުން މި ދެޓީމަކާއެކު ނުކުޅޭ. ޓީސީއިންވަނީ ވަރުގަދަ އީގަލްސްއާއި ދެކޮޅަށް ވެސް ވަރަށް ރަގަނޅު ނަތީޖާއެއް ހޯދާފަ. އީގަލްސްއަށްވުރެ ކުރިން ޔޫވީއަށް ވަރުގަދަ މެޗްތައް ކުޅެން ލިބުމަކީ ޔޫވީއަށް އޮތް އެޑްވާންޓޭޖެއްކަމަށް ނުދެކެން. އެއީ މީގައި ފައިދާ އެއް ނޫނީ ގެއްލުމަށް ބެލޭނެކަމެއްނޫން. އަދި އަހަރެންގެ ނަޒަރުގައި ޔޫވީ ޓީމަކީ މިސީޒަންގައި މާޒިޔާވެސް ވެލެންސިޔާވެސް ބަލިކުރާނެ ޓީމެއް." ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.