ކުޅިވަރު

މެޗް އެއްވަރު ވިއަސް މޮޅު ކުޅުމެއް ފެނިއްޖެ - ނާދު


މެޗް އެއްވަރު ވިޔަސް، މިއީ ޓީމުގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން ފެނިގެންދިޔަ މެޗުކަމަށް ސުޕަރ ޔުނައިޓަޑް ސްޕޯޓްސްގެ ކޯޗް އަހުމަދު ނާޝިދު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މިމެޗަށް ނިކުތްއިރު ސުޕަރ ޔުނައިޓަޑްވަނީ އެޓީމް ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ، 2 މެޗް އެއްވަރުކޮށްފައެވެ. ގްރީން އެޓީމް ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ 2 މެޗުންވަނީ ބަލިވެފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ސަސްގެ ކޯޗް އަހުމަދު ނާޝިދުބުނީ މެޗް އެއްވަރުވީކަމުގައި ވީނަމަވެސް މިއީ މިސީޒަންގައި މިހާތަނަށް ސަސްއިން ކުޅުނު އެންމެ ރަގަނޅު އެއް މެޗްކަމަށެވެ. އަދި ޓީމްގެ ހުރިހާ ކުޅުންތެރިންވަނީ ކޯޗް ބުނިގޮތަށް ވަރަށް ރަގަނޅަށް މަސައްކަތްވެސް ކޮށްފައެވެ. އަދި ޓީމްގެ ވަކިވަކި ކުޅުންތެރިންވެސް ވަރަށް ރަގަނޅަށް މަސައްކަތްކޮށްފައިވާ މެޗެއެއްކަން މިމެޗް ފާހަގަކޮށްލެވޭކަމަށްވެސް ސަސްގެ ކޯޗް ނާޝިދު ބުންޏެވެ.

"މެޗުން ހަމައެކަނި 3 ޕޮއިންޓް ނުލިބުނުކަން އޮތީ. ނަމަވެސް 3 ޕޮއިންޓް ހޯދުމަށް ވަރަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އޮތީ. ގްރީންކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމުންވެސް ހިންހަމަޖެހޭ. މެޗުން ބަލިނުވެ، ނިންމާލެވުމަކީ ކުރިއަށް ހުރި މެޗްތަކަށް ލިބޭ ހިއްވަރެއް. މިއީ ރަގަނޅު ފެށުމެއްކަމަށް މިބަލަނީ. މީގެ ކުރިން މޮޅުވާން ކުޅުނު މެޗްތައްވެސް އެބަހުރި އެއްވަރުވެފަ. އަދި މިމެޗަށް ނިކުތީވެސް ބަލިނުވެ ނިންމާލުމުގެ އަޒުމްގައި. މެޗްގެ ކުރިން ޕޮއިންޓަކަށް މަސައްކަތް ކުރުމަށް ނިންމީ އިދިކޮޅުން ކުޅޭ ޓީމަށް ބަލާފަ، އެޓީމުގެ ވަރުގަދަކަމަށް ބަލާފަ. މިލިބުނީ ވަރަށް މުހިންމު ޕޮއިންޓެއް." ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

މެޗަފަހު ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރުބުނީ ވަރަށް ރަގަނޅަށް ކުޅުނު ވަރަށް ފުރިހަމަ މެޗެއް ފެނިގެންގޮސްފިކަމަށާއި ގްރީންއަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު، ގޯލެއް ނުޖެހި މެޗް ނިންމާލަން ޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ނިޝްތާރު ބުންޏެވެ. ގްރީންއަށް ގޯލް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ކުރިއަށް ހުރި މެޗްތަކަށް ނިކުންނައިރު، ގޯލް ޖެހުމަށް ސަމާލުވާނެކަމަށާއި ކުރިއަށް ހުރި ފަރިތަކުރުންތަކުގައި ގޯލް ޖެހުމަށް އިތުރު ތަމްރީނުތަކެއް ހަދާނެކަމަށްވެސް ނިޝްތާރު ބުންޏެވެ.

"ލީގް ތާވަލްގެ އެންމެ ފުލުގައި އޮތުމަކީ ޕްރެޝަރެއް. ނަމަވެސް މިޕްރެޝަރު ކަޓުވާލުމަކީ ވަރަށް މުހިންމުކަމެއް. މިޕްރެޝަތު ކަޓުވާލުމަށް މަސައްކަތް ކުރަންވެސް މިތީބީ ހަމަ ގްރީންގެ ކުޅުންތެރިން. އެކަން ކުރަން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން މުހިންމީ. މިފަދަ ޕްރެޝަތު މެޗްތަކުގައި ކުޅުންތެރިން އަތުން މިސްޓޭކްތަށްވެސް ހެދޭނެ، ބޭނުމަކީ އެކަންތަށް ތަކުރާރު ނުކުރުން. ފުޓްބޯޅައިގައި މިސްޓޭކްތަށްވެސް ހެދޭނެ، ރެފްރީންއަށްވެސް އަދި ކުޅުންތެރިންނަށްވެސް އަދި މެނޭޖްމަންޓްއަށްވެސް ބައެއް ފަހަރު މިސްޓޭކްތަށް ހެދޭނެ. ގްރީންގެ ކޯޗް ނިޝްތާރު ބުންޏެވެ.