ކުޅިވަރު

މެޗް އެއްވަރުވީ ބައެއް ކުޅުންތެރިންގެ ފިޓްނަސް ދަށްވުމުން - ސުޒޭރު


މެޗް އެއްވަރުވުމުގައި ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ދިމާވިކަމަށް މާޒިޔާގެ އެސިސްޓަންޓް ކޯޗް އަހުމަދު ސުޒެއިރު ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރި މެޗު އެއްވަރުވެފައިވަނީ 2 ލަނދު 2 ލަނޑުންނެވެ. މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު ބުނީ މެޗުގެ ފުރަތަމަ ހާފްގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ބޭނުންވި ކުޅުންފެނިގެން ދިޔަކަމަށާއި ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ގެނެވުނު ބަދަލުތަކާއެކު ކުޅުމަށް ބަދަލުތަކެއް އައިކަމަށް ގަބޫލް ކުރާކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެތިބި ބައެއް ކުޅުންތެރިން އެރުވުމުން، އެކުޅުންތެރިން މާ އަވަހަށް ވަރުބަލިވިކަން ފާހަގަކުރެވުނުކަމަށްވެސް ސުޒޭރު ބުންޏެވެ. އަދި އާ ކޯޗާއެކު އެކަންތައްތައް ރަގަނޅު ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް މާޒިޔާގެ އެސިސްޓަންޓް ކޯޗް އަހުމަދު ސުޒެއިރު ބުންޏެވެ. އަދި އާންމުކޮށް މާޒިޔާގެ ފުރަތަމަ 11ގައި ކުޅޭ ބައެއް ކުޅުންތެރިންނަށް މިމެޗުގައި ރެސްޓް ދިނީވެސް، ކައިރިކައިރީގައި މެޗްތައް ކުޅެންޖެހުމުން، ކުޅުންތެެރިންނަށް ރެސްޓް ނުދީފިނަމަ، އަނިޔާގެ މައްސަލަތަށް ދިމާވާނެދީކަމަށްވެސް ސުޒެއިރު ފާހަގަކުރިއެވެ. އަދި މިއީ ކުރިއަށް ހުރި މެޗުތަކަށް ނިކުންނައިރު މާޒިޔާ ވިސްނަންޖެހޭކަމެއްކަމަށްވެސް ސުޒެއިރު ފާހަގަކުރިއެވެ.

"އެމީހުން ގެނައި ބަދަލްތަކުން އެމީހުން ފުރަތަމަ ލަނޑުޖެހީ. އެހިސާބުން ފެއްޓިގެން މާޒިޔާއިންވެސް ކުޅުމުގެ ވައްޓަފާޅިއަށް ބަދަލްތަކެއް ގެނައިން. ޔާންބެ އަރުވާ، ލިލީ ކުރިއަށް ޖައްސާލުމުން ވަރަށް ރަގަނޅު ކަންތައްތަކެއް ފެނިގެންދިޔަ. މުޅިން އެއްކޮށް އިންމަ ގޭންމް ޕެލޭން މަސައްކަތް ކުރިކަމަކަށް ގަބޫލެއް ނުކުރެވޭ. އިންމަގެ ގޭމް ޕްލޭންގައި އިނީ އަޔާ ލައްވައި މުޅިތަނުން ކުޅުވާ ގޮތަށް. އެކަމަށް މާޒިޔާއިން ހުރަސްއެޅިން ފުރަތަމަ އެމީހުން ގޯލް ޖެހުމާއެކު. ދެން ފަހު ލަނޑަކީ ނަސީބުކަމަށް މިބަލަނީ." މާޒިޔާގެ އެސިސްޓަަންތް ކޯޗް އަހުމަދު ސުޒެއިރު ބުންޏެވެ

މެޗަށްފަހު ވާހަކަދައްކަމުން ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ މާޒިޔާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީވެސް ކޯޗަކަށް ހުންނަ މީހަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިންހަމަޖެހޭކަމަށާއި މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ކުޅުންތެރިން ދެއްކި ހިއްވަރު ފާހަގަކޮށްލެވޭކަމަށްވެސް އިންމަ ބުންޏެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައިވެސް މިކުޅުން ތަކުރާރު ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އިންމަ ބުންޏެވެ.

"މެޗަށް ނިކުތުމުގެ ކުރިންވެސް އަޅުގަނޑު ކުޅުންތެރިން ކައިރީގައި ބުނިން މިމެޗުން އެންމެ މަދުވެގެން ޕޮއިންޓެއް ހޯދުމަށް ހިއްވަރު ކުރުމަށް. އެގޮތުން މެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނިގެންދިޔަ. އަދި މެޗުގެ ނުވަދިހަ މިނެޓްގައި އެއްވަރެއްގައި ނުހިފެހެއްޓިޖެނަމަ، މާޒިޔާގައި ތިބި ކުޅުންތެރިން ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލަފާނެ. އެޓީމުގައި އެބަތިބި ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުންތެރިން. އެހެންވީމަ އެފުރުސަތު އެކުޅުންތެރިންނަށް ނުދީ ކުޅެވޭތޯ ދަ ގްރާންޑޭއިން ބެލީ. އެހެންވީމަ އެކަންތަށް އަޅުގަނޑުމެންނަށް ހާސިލްވެއްޖެ." ދަ ގްރާންޑޭގެ ކޯޗް އިންމަ ބުންޏެވެ.