ކުޅިވަރު

ފަހަވަގުތު ޔޫވީ އަތުން ޓީސީއަށް ޕޮއިންޓެއް


ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ މޮޅުވާން ދަނިކޮށް މެޗުގެ ފަހު މިނެޓުގައި ޓީސީ ސްޕޯޓްސް ކްލަބުން ނަތީޖާ 1-1 އިން އެއްވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ޔުނައިޓެޑް ވިކްޓްރީންނެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އަނަޓޯލީ ވްލަސިޗެވް ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ތިރީ ކަނަށް އަމާޒުވި ނަމަވެސް ޓީސީ ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފައެވެ.

އޭގެފަހުން އަނަޓޯލީ ފޮނުވާލީ ދެ ވަނަ ހިލޭޖެހުން ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި ޓީސީ ޓީމުގެ ކުރިޔަށް ކުޅުނީ ބެލެހެއްޓީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމަށް ކުޅުނު ބިދޭސީ ފޯވާޑް ސްޓެވާޓް މެލްކޮމް ކަސިއުސްއެވެ. ޓީމާ ނުގުޅޭތީ ލީގުގެ ފުރަތަމަ ތިން މެޗުގައި މެލްކޮމް ފެނިފައެއްނުވެއެވެ. ޓީސީ އިން ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި އުފައްދާފައި ނުވާއިރު، އެޓީމުން ގޯލާ އަމާޒުކޮށް ދެ ހަމަލާ ވެސް ފޮނުވާލީ ފޯވާޑް މެލްކޮމް ކަސިއުސްއެވެ.

މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަރަޓް އަދްޒިނިއަޒޯވްއެވެ. އޭރިޔާ ބޭރުން އީސަ ނަގައިދިން ޖެހުން މަރަޓް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. ޓީސީއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ހިލޭއެވެ. ޔޫވީގެ ޕެނެލްޓީއޭރިޔާ ބޭރުން އަބްދުލްވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ބޯޅަ އޭރިޔާ ތެރޭ ހުހަށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑިފެންޑަރު މުހައްމަދު އަޖުފާންއެވެ.

މި ނަތީޖާއެކު ޓީސީ މިހާރު ފަސް ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައި އޮތްއިރު ޔުނައިޓެޑް ވިކްޓްރީ އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގައެވެ. ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރުދުވަހާއި އާދީއްތަ ދުވަހުއެވެ.