ކުޅިވަރު

ރެފްރީންގެ ނިންމުންތަކަށް މީޑިޔާގައި ކޯޗުންނަށް ފާޑުނުކިޔޭނެ: އެފްއޭއެމް


އެފްއޭއެމްއާ އެކު ކްލަބްތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެފްއޭއެމުން އެކަން ހާމަކުރީ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީންސްޓްރީޓްސް އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުން ފެށުމުގެ ކުރިންނެވެ. ދެ ކޯޗުންނަށް މުޚާތަބުކޮށް އެފްއޭއެމްގެ މީޑިއާ ހެޑް އަބްދުﷲ އަޒްމީން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ރެފްރީންނަށް ކޯޗުން ފާޑުކިޔުމުން އެ ރެފްރީން ވަޒީފާ އަދާކުރާ އޮފީސްތަކުން ރެފްރީންނަށް ފިޔަވަޅު އަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިކަމާގުޅޭގޮތުން އެފްއޭއެމުން ބުނެފައިވަނީ ކްލަބްތަކާއެކު އެފްއޭއެމުން ސޮއިކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ރެފްރީންގެ ނިންމުންތަކަށް މީޑިއާގައި ފާޑުނުކިޔެނީ ކަމަށާއި މައްސަލައެއް އޮވެއްޖެ އެކަން އެފްއޭއެމްއަށް ލިޔުމަކުން ހުށަހަޅަން ވާނެކަމަށެވެ.

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ރެފްރީންގެ ވާހަކަދައްކައިގެން އޭނާ އަށް "ލިޔުމެއް" އައިސްފައިވާ ކަމަށެވެ.

މިހާރު ކުޅެމުންދާ ދިރާގު ދެވހި ޕްރިމިއަރ ލީގުގައި ސިންގަޕޫރާއި މެލޭޝިޔާގެ ރެފްރީން އަންނީ ބޭނުންކުރަމުންނެވެ.