ކުޅިވަރު

ޕޮއިންޓަކުންވެސް ހިންހަމަޖެހޭ - ޝާޒްލީ


ޕޮއިންޓްއަކަށްވުރެބޮޑަށް ހިންހަމަޖެހުނީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓަޑް ވިކްޓްރީ ވާދަކުރި މެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ ޔޫވީކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމުން ހިންހަމަޖެހޭކަމަށާއި ނަމަވެސް 3 ޕޮއިންޓް ލިބުނުނަމަ، މިއަށް ވުރެއް ރަގަނޅުވީސްކަމަށް ޝާޒްލީ ބުންޏެވެ. އަދި މެޗުގައި ކަންތައްތައް ދިޔަގޮތަށް ބަލާފައި ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިއްވަރާއި ކުޅުމާމެދުވެސް ވަރަށް ހިންހަމަޖެހޭކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ. ޓީސީގައި ތިބި ޒުވާންކުޅުންތެރިންގެ ކުޅުން މެޗަކަށްފަހު މެޗެއް ރަގަނޅުވަމުން އަންނަތަން ފެންނަމުންދާކަމަށާއި ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ސަބަބުން ޓީމުގެ ކުޅުންވެސް ރަގަނޅުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށްވެސް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ފާހަގަކުރިއެވެ.

"މުޅި ޖުމްލަކޮށް ބަލާއިރު، ލީގް ވަރަށް ވާދަވެރިކޮށް މިދަނީ. މެޗްތަކުގެ ނަތިޖާ މެޗްގެ ކުރިން ބުނަން ނޭންގޭ ހިސާބުގަ މިހާރު އޮތީ. ކޮންމެ ޓީމެއްކަން ގަދައީ މިއީ ބަލި ޓީމެކޭ ބުނާކަށްވެސް މިހާރު ނޭނގޭނެ. ކޮންމެ ޓީމަކަށްވެސް މެޗުން މޮޅުވުމުގެ ފުރުސަތު މިހާރު އެބައޮތް. މެޗުގައި ރަގަނޅު ފެށުމަކާއެކު، މޮޅަށް ކުޅޭ ޓީމަކަށް ފުރުސަތު ބޮޑު މެޗުން މޮޅުވާން. އަދި ބަލިވެފައި އޮންނަ ޓީމެއް ފަހަތުން އަރާ އެއްވަރު ކުރުމާއި ފަހަތުން އަރާ މޮޅުވާތަންވެސް މިހާރު ވަރަށް ބޮޑަށް އެބަފެނިގެންދޭ. ލީގްގެ ވާދަވެރިކަން މިހާރު މިވަނީ ވަރަށް ބޮޑުވެފަ." ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ ޓީސީއިން ފަހަތުން އަރާ އެއްވަރު ކުރިއިރުގައި ޔޫވީގެ ދެ ޑިފެންޑަރުންނަށް އަނިޔާވުމަކީ މުޅި ޓީމަށް އޭގެ އަސަރު ކުރިކަމެއްކަމަށާއި ދެ ޑިފެންޑަރުން ދިއުމާއެކު މެޗްގެ ކޮންޓްރޯލް ޔޫވީއަތުން ގެއްލިގެންދިޔަކަމަށެވެ. އަދި ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތާކާއި ހުރެ، ވަރަށް ބޮޑަށް މާޔޫސްވެއްޖެކަމަށާއި ނަސީބުވެސް ޔޫވީއަށް މިމެޗްގައި އެހީ ނުވީކަމަށް ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"ދަނޑުމަތީގައި ބައެއް ސީނިއަރ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ތަޖްރިބާ ބޭނުން ނުކުރެވިގެންދިޔަތަން ފެނިގެންދިޔަ. ޕްރެޝަރުގައި ތަޖްރިބާ ބޭނުން ކުރަންޖެހުމުން، އެކަން ބައެއް ކުޅުންތެރިންނަށް ނުވެގެންދިޔަކަން މިފެނުނީ. އަނިޔާގެ މައްސަލަތަކަކީ ކުރިންވެސް އިގޭ ކަންތަށްތަށް. މިހާ ގިނަ ދުވަހު ނުކުޅެ ތިބި ކުޅުންތެރިން ލައްވާ ކުޅުވަން ފެށީމަ އަނިޔާގެ މައްސަލަތަށް ދިމާވާނެ. މިއީ ހަމައެކަނި ޔޫވީއަށް ދިމާވާ މައްސަލައެއް ނޫން. އެހެން ޓީމްތަކަށްވެސް މިމައްސަލަ ވަރަށް ބޮޑަށް އެބަދިމާވޭ. ކުރިއަށް ހުރި މެޗްތަކަށް މިޖެހުނީ ވަރަށް ބޮނޑަށް ވިސްނަން." ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.