ޚަބަރު

މީޑިއާ ކޮމިޝަންގެ ބިލުގައި ހިމަނަން އެމްއެމްސީން ބޭނުންވާ ކަންކަން ޑްރާފްޓްކުރުމަށް ވަގުތީ ކޮމެޓީއެއް


މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުގައި ހިމެނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭނުންވާ ކަންތައްތައް ހިމެނޭ ކަރުދާހެއް އެކުލަވާލުމަށް، 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް އުފައްދައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވީ އެކައުންސިލްގެ މި އަހަރުގެ ފުރަތަމަ ޖަލްސާއިން ވަގުތީ ކޮމިޓީއަށް 7 މެންބަރުން އައްޔަންކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްސީގެ މެންބަރު އަޙްމަދު ނާއިފް، މުޙައްމަދު ޔާމީން އިބްރާހީމް، ޢަލީ ޙުސައިން، ޙުސައިން ޘަޤީފް، މުޢިއްޒު އިބްރާހީމް، އާދަމް ނަޒީރުގެ އިތުރުން މުޙައްމަދު ޝަފާޢު ޙަސަންއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ"ގެ ނަމުގައި ވަކި މުއައްސަސާއެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުންވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރަށް 20 ބިލެއް ހުށަހަޅަން ނިންމައި، އެބިލްތަކުގެ ނަންތައް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ޢާންމުކޮށްފައެވެ.