ޚަބަރު

ކޯވިޑް-19 : ރާއްޖެއިން 49ވަނަ މަރު


ކޯވިޑް-19ގައި ރާއްޖެއިން 49ވަނަ މީހާ ނިޔާވެއްޖެއެވެ. ކޯވިޑް-19 ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ އަވަހާރަ ވެފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހުމީއެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 60 އަހަރެވެ.

ކޯވިޑް ބަލީގައި އެންމެ ފަހުން ރާއްޖެއިން މީހަކު ނިޔާވީ ޑިސެމްބަރުމަހުގެ 11ވަނަ ދުވަހުއެވެ. އެއީ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19ގެ މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 657އެވެ. މީގެތެރެއިން 32މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މިހާރު ކޯވިޑް19ގެ ކޭސްތަކުގެ އަދަދުހުރީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. މި ބައްޔަށް އިއްޔެ ޕޮޒިޓިވްވި 37 މީހުންނާއިއެކު މިހާތަނަށް، 13930މީހުން ރާއްޖެއިންވަނީ ޕޮޒިޓިވްވެފައެވެ.