ވިޔަފާރި

3 ވަނަ ފިޔަވަހީގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސަށް އެދި 30000 އަށްވުރެ ގިނަ އެޕްލިކޭޝަން


އިންކަމް ސަޕޯޓު އެލަވަންސް ދޫކުރުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން އިނާޔަތް ހޯދުމަށް އެދި މިހާތަނަށް 30000 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމް ލިބިފައިވާކަމަށް ޖޮބް ސެންޓަރއިން ހާމަކޮށްފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ ތިންވަނަ ފިޔަވަހި ކުރިއަށްދާއިރު މިހާރު ޖޮބް ސެންޓަރއިން ވަނީ ޑިސެމްބަރުމަހުގެ އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިންކަމް ސަޕޯޓު ޕްރޮޖެކްޓް ޑިރެކްޓަރ، ޝުހާދު އިބްރާހިމް ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ ދެވަނަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް ފުރަތަމަ ފިޔަވައްސާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށެވެ.

"ފުރަތަމަ ފިޔަވަހިކަމުގައިވާ އޭޕްރީލް،މޭ އަދި ޖޫންމަހު 17000 އެޕްލިކޭޝަން ލިބިފައިވޭ، ދެވަނަ ފިޔަވަހި ކަމުގައިވާ ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރުމަހު 43000 އެޕަލިކޭޝަން ލިބުނު އިރު، މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގެ ދެމަސް މިހާރު ނިމިފައިވާއިރު، އެދެމަހު ޖުމްލަ 32000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ލިބިފައި" ޝުހާދު ވިދާޅުވިއެވެ.

ޝުހާދު ވިދާޅުވީ މިހާރު ރިސޯޓުތައް ހުޅުވާލާ އަނބުރާ ވަޒީފާއަށް ނިކުންނަ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ޑިސެމްބަރުމަހު އިންކަމް ސަޕޯޓް އެލަވަންސްއަށް އެދޭ ފަރާތްތައް މަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ޝުހާދު ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށަހަޅާ ފަރާތްތައް އިތުރުވެގެން ދިޔަ ސަބަބެއް ކަމަށް ލަފާ ކުރެވެނީ ފޯމް ހުށަހެޅުމުގައި ފަސޭހަގޮތްތަކެއް ހަމަޖެހިގެން ދިޔުން ކަމަށެވެ. އަދި އިންކަމް ސަޕޯޓް އެލަވަނަސަށް އެދި ހުށަހަޅާނެ ގޮތްތަކާއި ގުޅޭ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކާއި އެކުވެސް އެޕްލިކޭޝަންތައް އިތުރުވެގެންދިޔަކަން ޝުހާދު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ފިޔަވަހި ދިޔައީ ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެއާ އެކު އާއްމުންނަށް ހުރި ދަތިތަކެއް، ޖޮބް ސެންޓަރތެރޭގައިވެސް ހުރި ދަތިތަކެއް، ދެވަނަ ފިޔަވަހީގައި ވަރަށް ބޮޑަށް އައުޓު ރިޗް ބައި ކުރިއަށްގެންދިޔައިން، ކައުންސިލްތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ތަމްސީލްކުރާ އޮގަނައިޒޭޝަންތަކާއި ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު" ޝުހާދު ވިދާޅުވިއެވެ.

ޝުހާދު ވިދާޅުވީ 250 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި އެޕްރޫވްކުރެވިފައިވާ ކަމަށެވެ. މިއީ ވަކި ވަކި މީހުންގެ އަދަދު ބަލާނަމަ 17000 މީހުން ކަމަށްވެސް ޝުހާދު ވިދާޅުވިއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.