ކުޅިވަރު

3 ޕޮއިންޓަކީ ލީގުގައި ކުރިއަށް ދާން ލިބުނު ހިއްވަރެއް - ނިޝްތާރު


މިލިބުނު 3 ޕޮއިންޓަކީ ލީގުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ.

ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗް ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗުން ގްރީން މޮޅުވެފައިވާއިރު، މިއީ މިލީގުގައި ގްރީން މޮޅެއް ހޯދި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރުބުނީ މިލިބުނީ ވަރަށް މުހިންމު 3 ޕޮއިންޓްކަމަށާއި ދެން ކުރިއަށް އޮތް އީގަލްސް މެޗަށް ތައްޔާރުވުމުގެ މަސައްކަތް ފަށަންވީކަމަށެވެ. އަދި މިލީގްގައި އެއްވެސް ޓީމެއް ފަސޭހަ ނޫންކަމަށާއި ކޮންމެ ޓީމަކީވެސް އުދަގޫ ޓީމްއެއްކަމަށް ނިޝްތާރު ބުންޏެވެ.

"އަޅުގަނޑުމެން އައީ 3 ޕޮއިންޓް ހޯދަން. 3 ޕޮއިންޓް ހޯދުމަށް އަޅުގަނޑުމެންގެ ކުޅުންތެރިން ކުރަންޖެހުނު ހުރިހާ މަސައްކަތެއްވެސް ކުރާނެ. އަދި އެކަން މިމެޗުން ހާސިލްވެއްޖެ." ކޯޗް ނިޝްތާރު ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒްބުނީ މެޗުން މޮޅުވުމަށްޓަކައި ރަންޖެހުނު ހުރިހާ މަސައްކަތަކާއި ހިތްވަރެއް ކުޅުންތެރިން ކުރިކަމަށެވެ. އަދި ޕޮއިންޓެއް ނުލިބި ނިންމާލަން ޖެހުނީ ނަސީބުވެސް އެހީނުވުމުގެ ސަބަބުންކަމަށް އިންމަ ބުންޏެވެ. މެޗުން ބަލިވިއަސް ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގުކަމަށްވެސް އިންމަ ބުންނެވެ.

"ބައެއް ފަހަރު މެޗުގެ އޮއިވަރުދާ ގޮތުން ގޯލެއް ޖަހައިގެންވެސް މެޗުން ބަލިވާތަން އާދޭ. އަޅުގަނޑު ބުނާނީ މެޗުން ބަލިވީ ގޯލެއް ޖަހައިގެންކަމަށް. މިލީގުގައި މޮޅުވުމާއި ދެރަވުމާއި މެޗުތަކުން އެއްވަރުވުންވެސް އަންނާނެ، މިއީ އަޅުގަނޑުމެން ގަބޫލް ކުރަންޖެހޭ ހަގީގަތެއް. އެހެންނަމަވެސް 4 މެޗް ލީގުގައި ކުޅެފައި މިބަލިވީ. އެހެންނަމަވެސް ކުރިއަށް ހުރި މެޗްތަކުގައި ރަގަނޅު ކުޅުމެއް ޓީމްގެ ފަރާތުން ފެންނާނެ. އެގޮތުން މިމެޗްގައިވެސް ލަނޑުޖެހުމަށް ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި. ގާތް ގަނޑަކަށް އެހުރިހާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކާމިޔާބުވެސްވި. އަދި މެޗްގެ 90 މިނެޓްގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭގައި ހިންހަމަޖެހޭ." ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.