ކުޅިވަރު

މެޗުތަކަށް ރަނގަޅަށް ތައްޔާރުވެގެން ތިބުން މުހިއްމު - ސިމިއޯނީ


ސްޕެނިޝް ލަލީގާގައި މިރޭ ސެވިއްޔާ ދެކޮޅަށް ނުކުންނައިރު އެތުލެޓިކޯއިން ވަރަށް ސަމާލުވާން ޖެހޭ ކަމަށާއި މެޗުތަކަށް އެތުލެޓިކޯ މެޑްރިޑުން ރަނގަޅަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް އެޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

އެތުލެޓިކޯއިން ލީގުގައި މިވަގުތު އެއްވަނާގައި އެހެން ޓީމުތަކަށް ވުރެ މަދުން މެޗު ކުޅެގެންނެވެ. ނުކުޅެ ހުރި މެޗުތަށް ހަފްތާ ތެރޭގައި ކުޅުމަށް ޝެޑިއުލް ކުރެވިފަވާއިރު ސިމިއޯނީ ބުނީ ގާތްގާތުގައި މެޗުތައް ކުޅެންޖެހުމުން ޓީމު ރަނގަޅަށް ބައްޓަންކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. މެޑްރިޑަށް މި ދުވަސްކޮޅު ބޯކޮށް ސްނޯފޭބުމުގެ ސަބަބުން ޓީމުގެ ތަމްރީނުތައް ވެސް ކުރިޔަށްގެންދިޔުމަށް ދަތިތައް ކުރިމަތިވެފާވާކަމަށް ސިމިއޯނީ ބުންޏެވެ. އޭނާ ބުނީ މެޗުތަކާ ކުރިމަތިލާއިރު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި ކޮންމެ މެޗަކަށް ވެސް ނިކުންނާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ސިމިއޯނީ ބުނީ ސެއްވިޔާގެ ފަރާތުން އުނދަގޫތައް ދިމާވާނެކަމަށާއި އެޓީމުން އަންނަނީ މިހާތަނަށް ކުރިއެރުން ހޯދަމުން ކަމަށެވެ. މެޗަށް ނުކުންނައިރު އެތުލެޓިކޯ އެއްވަނައިގަ އޮތީ 15 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.