ކުޅިވަރު

ތާވަލްގެ 1ވަނައިގައި އޮތަސް ޓީސީ މެޗް ފަސޭހައެއް ނުވާނެ - މާޒިޔާގެ ކޯޗް


ލީގްގެ އެއްވަނައިގައި އޮތްކަމުގައި ވީނަމަވެސް މާޒިޔާއަށް އެއްވެސް މަޗެއް ފަސޭހަކޮށް ނުލެވޭނެކަމަށް މާޒިޔާގެ ކޯޗް ސާބިޔާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މިމެޗަށް މާޒިޔާއާއި ޓީސީ ނިކުންނައިރު ލީގް ތާވަލްގެ އެއްވަނާގައި މާޒިޔާ އޮތީ އެޓީމް ކުޅުނު 5 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ މިއަދަދަށް ކުލަބް ވެލެންސިޔާއަށްވެސް ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ތާވަލްގެ އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޓީސީ ސްޕޯޓްސް ކުލަބް އޮތީ ތާވަލްގެ 4ވަނާގައި 6 ޕޮއިންޓާއެކުގައެވެ. ދެ ކާޑް ހަމަވުމުގެ ސަބަބުން މާޒިޔާގެ ހަމްޒާ މުހައްމަދަކަށް އެޓީމުން ޓީސީއާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅެވޭނެއެވެ.

މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުނީ މިލީގްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެއްވެސް ޓީމަކީ ފަސޭހަ ޓީމެއް ނޫންކަމަށާއި ކޮންމެ މެޗަކީވެސް އުނދަގޫ މެޗެއްކަމަށެވެ. ތާވަލްގެ އެއްވަނައަށް އެރުމަށް ނުވަތަ އެއްވަނައިގައިވާ ޓީމުތަކާއި ފައި ހަމަކުރަން ގިނަ ޓީމްތަކަށް ފުރުސަތު އޮތުމާއެކު، ކޮންމެ ޓީމެއްވެސް މާޒިޔާއާއި ދެކޮޅަށް ނިކުންނާނީ އިތުރު ހިއްވަރެއް ލައިގެން މާޒިޔާ ބަލިކުރަންކަމަށްވެސް ސާބިޔާގެ ވިޑަކޮވިޗް ބުނެފިއެވެ. ކޮންމެ މެޗެއްގައިވެސް 100 ޕަސެޓް ދޭންޖެހޭނެކަމަށާއި ކޮންމެ މެޗެއް ކާމިޔާބުކުރުމަކީވެސް އަމާޒެއްކަމަށްވެސް މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުނެފިއެވެ.

"މެޗަށް ނިކުންނައިރު ދަނޑުގެ ހާލަތަކީ ވަރަށް މުހިންމު އެއްޗެއް. މިދަނޑުގައި ޑިފެންސް ކުރަން ވަރަށް ފަސޭހަ. އެއީ ވިނަގަނޑު އެހާ ރަގަނޅު ނުވީމަ. އިދިކޮޅުން ކުޅޭ ޓީމްގެ ޑިފެންސްލައިން ވަރަށް ވަރުގަދަކޮށް، ޖާގަނުދީ ކުޅޭނަމަ ވަަރަށް އުދަގޫވާނެ އެޑިފެންސްލައިން ރޫޅާލަން. މިހެންވީމަ ގޯލް ޖަހަންވަރަށް އުދަގޫވާނެ. މައިގަނޑު މައްސަލައަކީ ދަނޑުގެ ވިނަގަނޑު ގޯސްވުމުން. އަދި ބޯޅަވެސް ބާރަކަށް ނުދޭ. އެހެންވީމަ ޓީސީކަހަލަ ޓީމްއަކާއި ދެކޮޅަށް ނިކުމެ މޮޅުވެވޭނީ ވަރަށް ރަގަނޅަށް ކުޅެގެން." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.  

މެޗްގެ ކުރިން ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ މާޒިޔާއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކުލަބްކަމަށްވުމުން ކޮންމެ ޓީމެއްވެސް އެޓީމްއާއި އިދިކޮޅަށް ނިކުންނާނީ މާޒިޔާ ބަލިކުރަންކަމަށެވެ. ވެލެންސިޔާ މެޗުން ދެ ކަމެއް ޓީސީއަށް ހާސިލްވެއްޖެކަށެވެ. އެއްކަމަކީ ވެލެނެސިޔާކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމުން ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗްތަކަށް ވަރަށް ބޮޑު ހިއްވަރެއް ލިބިގެންގޮސްފައިވާކަމަށެވެ. އަދި ވެލެންސިޔާ މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރުގަދަ ޓީމްތަކާއި ދެކޮޅަށްވެސް ކުޅެވޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމަށް ޝާޒްލީ ބުންޏެވެ. އަދި މާޒިޔާ މެޗްގައިވެސް ޓީސީގެ ފަރާތުން ވެލެންސިޔާ މެޗްގައި ދެއްކި ކުޅުން ތަކުރާރު ކުރެވޭނެކަމަށް އުއްމީދު ކުރާކަމަށްވެސް ޝާޒްލީ ބުނެފިއެވެ.

"މިހާރު މިއޮތީ ކުރިއަށް އޮތް މެޗް. ކޮންމެ މެޗައަކީވެސް ތަފާތު މެޗެއް. އެކި މެޗްތަކުގައި ކަންތައްތައްވާނީ އެކިގޮތަށް. މާޒިޔާ ސިފަކުރަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ކުލަބް އަދި އެންމެ ވަރުގަދަ ކުލަބްގެ ގޮތުގައި. އަނެއްހެން ކުރުކޮށް ބުންޏާ އެއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފުރިހަމަ ޓީމް. އެޓީމާއި އިދިކޮޅަށް ކުޅޭއިރުގައި ފަސޭހައެއް ނުވާނެ، ކުރިން މެޗްތަކުގައި މާޒިޔާއިން ފުރަތަމަ ހާފްގައި ވަރަށް ރަގަނޅަށް ކުޅެފައި ދެވަނަ ހާފްގައި ދަށްކޮށް ކުޅުމަކީ ޓީސީއަށް މާބޮޑު ހިންހަމަޖެހުމެއް ލިބޭނެކަމެއްނޫން. ޓީސީއިން ވިސްނަނީ މިމެޗަށް. މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މެޗް ފަސޭހައެއް ނުވާނެ. އެޓީމްގައި އެބަތިބި ކޮންމެ އިރެއްގައި ނަތީޖާ ބަދަލްކޮށްލެވޭ ވަރުގެ ކުޅުންތެރިން ބެންޗުގައިވެސް. އެހެންވީމަ ފަސޭހަކޮށް ތައްޔާރުވެގެން މެޗް ފަސޭހައެއް ނުވާނެ. ޓީސީއިން މެޗަށް ތައްޔާރުވާއިރު، މާޒިޔާއިންވެސް މެޗަށް ވަރަށް ރަގަނޅަށް ތައްޔާރުވާނެ. އެމީހުނަށްވެސް ޓީސީ ކުޅެފައި ހުރި މެޗުތައް މިހާރު ހުންނާނީ ފެންނަން. ލިބޭ ހިންހަމަޖެހުމެއް ވެލެންސިޔާ މެޗްގައި މޮޅު ކުޅުމެއް ދެއްކުމަކީ." ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.