ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖެންޑަރ މިނިސްޓަރު، ސަރުކާރުގެ އިދާރާތަކަށް


މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައެވެ. މުޖުތަމައުގެ އެތައް ބަޔަކު މިވަބާގައިޖެހި ގިނަ ޢާއިލާތަކެއް މިކަމުގެ ޝިކާރައަކަށް ވަމުންދާ ނުރައްކާތެރި ވަބާއެކެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ތަފާތު އެކިސިފަސިފާގައި އެކި މަސައްކަތްތައް ވަނީ ކޮށްފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އާދެއެވެ. މިކަމުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަތް މަސައްކަތް ހަލުވިކުރެއްވުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ނުކުންނަވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ ސަރުކާރުގެ 4 އިދާރާއަކަށް ޒިޔާރަތްކުރައްވައި އެއިދާރާތަކުގެ ސީނިއަރ މެނޭޖްމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޖެންޑަރ މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުންތަކުގެ ބޭނުމަކީ ބައްދަލުކުރާ އިދާރާތަކުގެ ބޭފުޅުންގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތުގައި ބައިވެރިވުން ހޯދޭނެގޮތްތަކާމެދު މަޝްވަރާ ކުރުންކަމަށެވެ.

މިމަސައްކަތުގައި މައިގަނޑު 3 ކަމަކަށް އަލިއަޅުއްވާލައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި މިއިދާރާތަކުގެ ހުރިހާ މުވައްޒަފުންނަކީ މި މައްސަލައާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމާއި، ކުންފުނިތަކުގެ މަސައްކަތް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށް ބާރުއެޅޭފަދަ ގޮތަކަށް ބިނާކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިވަބާގައި ޖެހިފައިވާ މީހުން ފަރުވާ ދިނުމަށްފަހު އަލުން އަނބުރާ މުޖުތަމައުއަށް ނުވަތަ ވަޒީފާގެ މާހައުލަށް ގެނައުމަށް މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމުގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ ތިބިއިރު އަޅުގަނޑުމެންނަށް އެނގޭ އެކި ލެވެލްގައި އެކި ގޮތަށްކަން މިކަން މިއޮތީ. އެހެންވީމާ މިކުރެވޭ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެން މިދިޔައީ 4 ތަނަކަށް. މިއަދު އަޅުގަނޑުމެން މިދިޔަ 4 ތަނުގެ އިތުރަށް އަޅުގަނޑުމެން އަދި މިމަސް ނިމުމުގެ ކުރިން 15 ތަނަކަށް ދާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތުގެ އެއް އަމާޒަކީ މިއަހަރުގެ ނިޔަލަށް ސަރުކާރާއެކު މަސައްކަތްކުރާ ކުންފުނިތަކުގެ މުވައްޒަފުންނަކީވެސް މިމައްސަލައާގުޅޭ މައުލޫމާތުލިބިފައިވާ މީހުންނަށް ހެދުންކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.