ޚަބަރު

ކޯވިޑް-19 : ޢަދަދުތަށް ދަށެއްނުވޭ، މިއަދުވެސް 48 މީހުން ޕޮޒިޓިވް


މިއަދުވެސް ރާއްޖެއިން އިތުރު 48 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އައު އަހަރު ފެށުނުފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވާންފަށާފައެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި 48 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، ރިސޯޓުތަކުން
ޕޮޒިޓިވްވި 14 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން 15 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 14،325 އަށް އަރާފައެވެ.

މިއަދު 18:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެތެރޭގައި ބަލިން އަލަށް ރަނގަޅުވެފައިވަނީ 25 މީހުންނެވެ. މިއާއެކު މިހާތަނަށް 13،463 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19އަށް ފަރުވާދެމުން އަންނަނީ 806 މީހުންނަށެވެ. އޭގެތެރެއިން 58 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭހައި ބައްޔަށް ޓެސްޓްކުރުމަށް ރާއްޖޭގައި 3،314 ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ޖުމްލަ 351،808 ސާމަޕްލަން ޓެސްޓްކުރުމަށް ނަގާފައިވެއެވެ.