ޚަބަރު

ކޯވިޑް-19 : ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުމެއްގައި ކޮންޓެކްޓެއް، ނަމަވެސް ނުރައްކަލެއް ނެތް!


ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މުވައްޒަފަކާ ކޮންޓެކްޓްވި މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާފައިވާކަމަށާ، އެހެންނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެމްއެމްސީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ މީހަކު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވެފައިވާކަން އެނގިފައިވަނީ އެބައްދަލުވުން ނިމުނުފަހުންކަމަށާ، ނަމަވެސް އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑާ އެއްގޮތަށް ގައިދުރުކަމާއި އެނޫންވެސް އެންމެހައި ފިޔަވަޅުތަކެއް އަޅައިގެންކަމަށް، އެސެންޓަރުން ބެލިބެލުމުން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ކޮންޓެއްގެ ކޮންޓެކްޓުންގެ ގޮތުގައިވެސް ނުބެލެވޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެމްއެމްސީގެ އިދާރީ މުވައްޒަފަކު ކޯވީޑް-19އަށް ޕޮޒިވްވެފައިވާއިރު އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި އެ ކައުންސިލްގެ 5 މެންބަރަކު ވަނީ މިހާރު ކަރަންޓިންކޮށްފައެވެ.