ޚަބަރު

ކޯވިޑް-19 : ރިސޯޓްތަކުން ބަލިޖެހޭ މީހުން އިތުރުވަނީ ޢަލާމަތްތައް ހުރެ، ޓެސްޓް ނުކުރާތީ - ޑރ.ނަޒްލާ


ރިސޯޓްތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ބަލީގެ ޢަލާމާތްތައް ހުންނަ މީހުން ބައެއް ރިސޯޓްތަކުގައި ޓެސްޓްނުކުރާކަން ފާހަގަކުރެވޭކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ކޯވިޑް-19ގެ ޢަލާމާތް ހުންނަ މީހުން ބައެއް ރިސޯޓްތަކުން ޓެސްޓްނުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބަލީގެ ކިތަންމެ ކުޑަ ޢަލާމާތެއް ހުރިނަމަވެސް އެކަމަށް ސަމާލުކަންދީ ޓެސްޓްކުރުން މުހިންމުކަން ފާހަފަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ކޮންމެ ރިސޯޓަކުންވެސް އެފަދަ މީހަކު ފެނިއްޖެނަމަ ވިހާވެސް އަވަހަށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް އެމަޢުލޫމާތު ދޭންޖެހޭކަމަށެވެ.

އަދި ކޯވީޑް-19ގެ ޢަލާމާތެއް ކިތަންމެ ކުޑަކޮށް ހުރިނަމަވެސް އެމީހަކު ވިހާވެސް އަވަހަކަށް އެކަހެރިކޮށް ޓެސްޓްކުރުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ. އެފަދަ މީހަކު ފެނި ރިޕޯޓް ނުކޮށް ލަސްކުރުމުގެ ސަބަބުން ބައެއް ރިސޯޓްތަކުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާކަން ޑޮކްޓަރ ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބައެއް ރަށްރަށުން ރިސޯޓްތަކަށްދާ މީހުން ނުވަތަ ރާއްޖެއިން ބޭރުން އަންނަމީހުން ބައެއް ރިސޯޓްތަކުން ރަނގަޅަކަށް ކަރަންޓީނު ނުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއީ ވަރަށް ބޮޑު ރިސްކެއްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ކަރަންޓިން މުއްދަތެއްކަމަށް ކަނޑައަޅާފައިވަނީ 10 ދުވަހެވެ. އަދި ކަރަންޓިން މުއްދަތަށްފަހު ކޯވިޑް-19އަށް ޓެސްކުރަންޖެހޭނެއެވެ.

"ޓޫރިޒަމް އިންޑަސްޓްރީގެ ގައިޑްލައިންގެ ކަންކަމަށް ސަމާލުކަން ދިނުން މުހންމު، ބައެއް ފަހަރު ގެސްޓުން އުޅޭ އޭރިޔާއަށް ސްޓަފަކު ވަޑައިގަންނަވާއިރު މާސްކްއަޅާފަ، ސްޓާފުން ގެއޭރިޔާގައި މާސްކު ނާޅާ ގައިދުރުކަން ނުބަހައްޓާކަން ފާހަގަކުރެވިފައިވޭ. އެކަމު ވަރަށް މުހިންމުކަމެއް އެއީ ރޫމް ޝެއަރކޮށް، އެއް ކެންޓީންނަކުން ކައިހަދާއިރު ހުރިހާ ސްޓަފުންވެސް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން. ފަހަކަށް އައިސް ރިސޯޓްތަކުން ކޭސްތައް އިތުރުވާތީ ޓެގްގެ ފަރާތުން ރިސޯޓްތަކުގެ ސްޓަފުންނަށް ޚާއްސަކޮށް މެޑިކަލް ސްޓާފުންނަށް ސެޝަންތައް ދަނީ ނަގައިދެމުން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވަނީ ރިސޯޓްތަކުގެ މެނޭޖުމަންޓުންވެސް އަދި މުވައްޒަފުންވެސް ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ފަތުރުވެރިން އަންނަ ޢަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ގަނެވުނީ ގައިޑްލައިން ހިފެހެއްޓުމުންކަން އޭނާ ފާހަގަކުރެއްވިއެވެ. ޑޮކްޓަރ ވިދާޅުވީ، މިހާރު ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ދުނިޔޭގައި މިބަލި އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން އަންނަ މީހުންކަމަށާވާއިރު، އެއީ މިވަގުތު އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.

މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ ޓޫރިސްޓުން ޕޮޒިޓިވީއިރުވެސް މުވައްޒަފުން ޕޮޒިޓިވްވެފައި ނުވަނީ އެ ގައިޑްލައިންގައި ހިފެހެއްޓުމުންކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަދިވެސް އެޗްޕީއޭގެ ގައިޑްލައިންގައި ހިފަހައްޓާނަމަ ކޭސްތައް އިތުރު ނުވާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.