ވިޔަފާރި

ބައެއް ސަރަހައްދުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


ބައެއް ސަރަހައްދުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، މި ޖެނުއަރީމަހު ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ ޔޫރަޕާއި އޭޝިޔާގެ ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 37926 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 72262 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %47.5 ދަށްވުމެކެވެ.

ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށްވިނަމަވެސް ބައެއް މާކެޓްތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ވަކިވަކި މާކެޓްތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އުޒްބަކިސްތާންއެވެ. 2020 ވަނަ އަހަރު ޖަނަވަރީ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 145 ފަތުރުވެރިން އައިއިރު މިއަހަރުގެ މި މުއްދަތުގައި އެ ޤައުމުން ރާއްޖެއަށް ވަނީ 665 ފަތުރުވެރިން އައިސް %358.6 ކުރިއެރުމެއް ހޯދާފައެވެ.

ވަކިވަކި މާކެޓްތަކުގެ ތެރެއިން ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޔޫކްރެއިންއެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް 142 ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 3472 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %144.3 ކުރިއެރުމެކެވެ. ކަޒަކިސްތާން މާކެޓަކީވެސް މިއަހަރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް މާކެޓެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 13 ދުވަހު އެޤައުމުން ރާއްޖެ އައިސްފައިވަނީ 917 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު 2034 ފަތުރުވެރިން އައިސް %121.8 ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެހެން ބައެއް މާކެޓްތަކުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު ރޯމެނިއާއިން %42.6 ކުރިއެރުމެއް، ރަޝިއާއިން %30.2 ކުރިއެރުމެއް، ބްރެޒިލް %11.1 ކުރިއެރުމެއް، އިންޑިއާއިން %8.1 އަދި ޗެކް ރިޕަބްލިކް އިން %7.7 ކުރިއެރުމެއް ހޯދާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 10000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ 578 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެއެވެ.