ޚަބަރު

ދަ ގްރާންޑޭ މެޗުން 3 ޕޮއިންޓް ހޯދަން ވެލެންސިޔާއަށް މަޖުބޫރު - އާތީ


ތާވަލްގެ ދެވަނައިގައި އޮތުމަށް ދަ ގްރާންޑޭ ބަލިކުރަންޖެހޭކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

މިމެޗަށް ދަ ގްރާންޑޭ އާއި ކުލަބް ވެލެންސިޔާ ނިކުންނައިރު، ތާވަލްގެ 2ވަނާގައި ކުލަބް ވެލެންސިޔާ އޮތީ އެޓީމް ކުޅުނު 5 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދަ ގްރާންޑޭ އޮތީ ތާވަލްގެ 3ވަނައިގައި 6 ޕޮއިންޓާއެކުއެވެ.
ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފްބުނީ މިމެޗުން 3 ޕޮއިންޓު ހޯދުން ވެލެންސިޔާއަށް މަޖުބޫރުކަމަށާއި މިއީ ކުލަބް ވެލެންސިޔާއަށް ވަރަށް މުހިންމު މެޗެއްކަމަށެވެ.

އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާއެކު ކުޅުނު މެޗަށްފަހު މިހާރު ދަ ގްރާންޑޭ މެޗަށް ވެލެންސިޔާ އޮތީ ވަރަށް ރަގަނޅަށް ތައްޔާރުވެފައިކަމަށް ވެސް ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަދި ކެޕްޓަން އަލީ އަޝްފާގް އަނިޔާގައި ހުރުމުން ކޯޗެއްގެ ހައިސިއްޔަތުން އަނިޔާގައި ހުރި ކުޅުންތެރިއަކު ލައްވާ ނުކުޅުވާނެކަމަށް އާތީ ބުންޏެވެ. ނަމަވެސް ކުޅުންތެރިޔާއަށް ކުޅުންތެރިޔާ ފިޓްކަމަށްވާނަމަ، އަދި ކުޅުންތެރިޔާ ކުޅެންބޭނުންވާކަން ނިންމާނީ ކުޅުންތެރިޔާކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗު ބުންޏެވެ.

މީގެ އިތުރުން އާތީބުނީ ލީގްގައި ވަރުގަދަ މެޗްތަކެއް ކުޅެންޖެހުމުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަށްވެސް ކުރިމަތިވާނެކަމަށާއި ވީހާވެސް ބޮޑަކަށް ކުޅުންތެރިން ރަގަނޅަށް ނިދުމާއި ރަގަނޅު ކާނާ ކެއުމާއި ރަގަނޅަށް ފަރިތަކުރުންތަކުގައި ބައިވެރިވުމަށްވެސް ކުޅުންތެރިންނަށް އިލްތިމާސް ކުރާކަމަށްވެސް އާތިފް ބުންޏެވެ.

"ދަ ގްރާންޑޭއަކީ އެންމެ ފަހުން ކުޅުނު ޓީސީއާއި އެއްގޮތް ކަހަލަ ޓީމެއް. އެހެންވީމަ ޓީސީ މެޗަކީ ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއް. މެޗަށް ނިކުންނައިރު މިއިންނަނީ ޓެކްޓިކަލީ ޑިސިޕްލިންވުން. ޓެކްޓިކަލީ ޑިސިޕްލިން ވެއްޖެނަމަ ކުޅުންތެރިންނަށް އެނގޭނެ ސުމެއް ސުމަކުން އިންނަންވީ ގޮތާއި 1-0ގައި އިންނަން ވީ ގޮތްވެސް އެގޭނެ. އަދި ދަ ގްރާންޑޭއަކީ ވަރަށް ވަރުގަދަ ޓީމެއްކަން ކުޅުންތެރިންނަށް އެނގޭނެ. މިހުރިހާކަމަކީވެސް ކުޅުންތެރިންގެ ކޮންސެންޓްރޭޝަން، އެމީހުންގެ މެންޓަލިޓީ 90މިނެޓްގެ ތެރޭގައި ގެންގުޅޭ ގޮތް. އެހެންވީމަ މިހުރިހާ އެއްޗަކީވެސް ކުޅުންތެރިޔާގެ ހުނަރަކުން، ކުޅުންތެރިޔާ މޮޅުވެގެން އަންނާނެ އެއްޗެއް ނޫން. މިއީ ސައިކޮލޮޖިކަލީ ގޮތުން ވަރަށް ބޮޑު ބައި ކުޅޭއެއްޗެއް. އެހެންވީމަ މެޗްގައި ޓީމް ވަރުބަލިކަން އަންނައިރު، އަނެއް ޓީމާ ދޭތެރޭގައި ކުޅުންތެރިން ވިސްނަނީ ކިހާވަރަކަށްތޯ، އެޓީމުގެ ވަރުގަދަކަން ހުރީ ކިހާވަރަކަށްތޯ ކުޅުންތެރިން ވިސްނަނީ. އަޅުގަނޑުމެންނަށް ގޮވާވެސް ހެދިދާނެ. ނަމަވެސް މެޗުގެ ވަރުބަލި ކަމާއެކު، ކުޅުންތެރިންގެ ވިސްނުން ބަހައްޓާ މިންވަރު މިއީ މެޗުގައި ވަރަށް މުހިންމުކަމެއް." ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ)ބުނީ މިއީ ދަ ގްރާންޑޭއަށްވެސް ވަރަށް މުހިންމު މެޗެއްކަމަށާއި މިމެޗުން 3 ޕޮއިންޓް ހޯދުމަށް ދަ ގްރާންޑޭގެ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ވިސްނައިދީފައިވާނެކަމަށެވެ. އެންމެފަހުން ދަ ގްރާންޑޭއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗްގައި ދަ ގްރާންޑޭއިން މެޗްގައި މޮޅު ކުޅުމެއްދެއްކި ނަމަވެސް މެޗުން ބަލިވުމުން ކުޅުންތެރިންނަށް އޭގެ އަސަރުކޮށްފާނެތީ ވަރަށް ކަންބޮޑުވިކަމަށް އިންމަ ބުންޏެވެ. ނަމަވެސް ފާއިތުވެގެންދިޔަ 2 ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން އެމާޔޫސްކަން ފެނިގެން ގޮސްފައިނުވާކަމަށްވެސް ދަ ގްރާންޑޭގެ ކޯޗު ބުންޏެވެ.

"އަޅުގަނޑުމެން މިނިކުންނަނީ ސީދާ 3 ޕޮއިންޓް ހޯދުމަށް. އަޅުގަނޑުގެ އިތުބާރު ކުޅުންތެރިންނަށް އެބައޮތް. މިހެންބުނާއިރުވެސް އެގޭ ކުލަބް ވެލެންސިޔާއަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމުކަން. އެހެންނަމަވެސް ވޭދުވެދިޔަ ތަނުގައި ދަ ގްރާންޑޭއިން ދައްކާފައިވާ ކުޅުމަށްބަލާފަ، އަދި ނެރިފައިވާ ނަތީޖާތަކަށް ބަލައިފަ،އި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އުއްމީދަކީ ސީދާ 3 ޕޮއިންޓް ހޯދުން. ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.