ޚަބަރު

ބިއްލޫރި ޕެލެޓު ވެއްޓުމުގެ ޙާދިސާގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ


މާލޭ ވިޔަފާރި ބަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައި އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ ނ. ލަންދޫ ފޭރުގަސްދޮށުގޭ އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމްއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިރު 05:00ގެ ފަހުންކަމަށެވެ. އޭނާއަށް އެންމެފަހުން ދިން ފަރުވާގެ ތަފްސީލު ލިބިފައި ނުވިނަމަވެސް އެހާދިސާއާއި ގުޅިގެން ފަރުވާދެމުންދިޔައީ ލިބުނު ފްރެކްޗަރއަކަށް ކަމަށް އައިޖީއެމްއެޗުން ކުރިންވަނީ ހާމަކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އޭނާގެ ބުރަކަށީގެ ބައެއް ކަށިތަކުގައިވަނީ ރެނދުލާފައެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްއިން މަޢުލޫމާތު ދެއްވައެވެ. މިހާދިސާގައި އަނިޔާވެފައިވަނީ ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ ދެ މީހަކަށެވެ. މިހާދިސާގައި އަނިޔާވި ދެވަނަ މީހާ ފަރުވާއަށްފަހުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.