ޚަބަރު

ހޮނިހިރު ދުވަހުވެސް ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެނީ


އައު އާންމު ހާލަތުގައި ހޮނިހިރު ދުވަހުވެސް ޤައުމީ ކުތުބުޚާނާއިން ޚިދުމަތްދޭގޮތަށް ހަމަޖައްސައިފިއެވެ.

މިއާއެކު ހަފާތާގެ 4 ދުވަހު ކުތުބުޚާނާއިން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. ޤައުމީ ކުތުބުޚާނާއިން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އައު އާންމު ޙާލަތުގައި ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ޚިދުމަތް ލިބެން ހުންނާނެކަމަށެވެ. އަދި ކޮންމެ ދުވަހަކު 12:00 އިން 15:00 ކުތުބުޚާނާގެ ޚިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޚިދުމަތްތައް ކޯވިޑް-19 އާއި ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މިދިޔަ މާރޗުމަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ 8 މަސް ފަހުން ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ޤައުމީ ކުތުބުޚާނާ އަލުން އާއްމުންނަށް ހުޅުވާލިއެވެ. އެއާއެކު ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރާ ގެންނަންޖެހޭ ތަކެތި، ކުތުބުޚާނާގެ ޚިދުމަތް ދޭންފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެ ގޮތް ހަމަޖައްސާދިނެވެ.

ކުތުބުޚާނާ އަލުން ހުޅުވާފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ އިތުރުން ކޮމްޕިއުޓަރ ސިސްޓަމާއެކު ޑިސްކަޝަން ރޫމަކާއެކުއެވެ. މީގެ އިތުރުން އެކި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް، "މޭކް އަ ސްޕޭސްގެ" ނަމުގައި މިހާރު ވަނީ ފަށާފައެވެ.

ކުތުބުޚާނާ އަލުން ހުޅުވައި ޚިދުމަތް ދޭން ފަށާފައި ވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ކޯވިޑް 19 ގެ މި ދަނޑިވަޅުގައި ލައިބްރަރީއަށް އެއްފަހަރާ ވަދެވޭނީ 15 މީހުންނަށެވެ. އަދި ރީޑިން އޭރިއާއަށް އާއްމުކޮށް 30 މީހުންނަށް ވަދެވުނުނަމަވެސް މި ދަނޑިވަޅުގައި އެތަނުގައި ތިބެވޭނީ 7 މީހުންނަށް ކަމަށާއި ޑިސްކަޝަން ރޫމްގައިވެސް ގިނަވެގެން ތިބެވޭނީ 3 މީހުންނަށްކަމަށް ކުތުބުޚާނާއިން ވިދާޅުވެއެވެ.