ކުޅިވަރު

ޔޫވީއަކީ ބަލި ޓީމެއް ނޫން - އިސްމާޢީލް މަހްފޫޒު


ދަ ގްރާންޑޭއިން ޔޫވީ މެޗަށް ނިކުންނާނީ އެއީ ބަލި ޓީމެއްކަމަށް ދެކިގެން ނޫންކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ) ބުނެފިއެވެ.

މިމެޗަށް ދަ ގްރާންޑޭ ނިކުންއިރު، އެޓީމް އޮތީ ލީގް ތާވަލްގެ ތިންވަނައިގައެވެ. އެއީ ކުޅުނު 6 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 3 މެޗުން އެއްވަރުވެ އަދި 1 މެޗުން މޮޅުވެގެންނެވެ. ދަ ގްރާންޑޭއިން މިމެޗާއި ކުރިމަތިލަނީ 3 ޕޮއިންޓް ހޯދަންކަމަށާއި ޓީމްގެ ކުޅުންތެރިންނާއި މެދުވެސް އިތުބާރު އެބައޮތްކަމަށް ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ) ބުންޏެވެ. ކޮންމެ ޓީމަކާއި ދެކޮޅަށްވެސް ދަ ގްރާންޑޭއިން ނިކުންނާނީ އެއީ މޮޅު ޓީމެއްކަމަށް ދެކިގެންކަމަށާއި އިދިކޮޅުން ނިކުންނަ ޔޫވީ ޓީމުގެ ކުޅުންތެރިންނަށް ބަލާއިރުވެސް އެއީ ބަލި ޓީމެއް ނޫންކަން އެގޭކަމަށްވެސް އިންމަ ބުންޏެވެ. އަދި ލީގްގައި މިހާތަނަށް ދަ ގްރާންޑޭގެ ކުޅުންތެރިން ދައްކަމުން އައިސްފައިވާ މޮޅު ކުޅުން މިމެޗްގައިވެސް ތަކުރާރު ކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އިންމަ ބުނެފިއެވެ. ދަ ގްރާންޑޭގެ ބިދޭސީ ފޯވާޑް އޮޓަބެކްއަށް އަނިޔާވުމުގެ ސަބަބުން މިރޭގެ މެޗްގައި ކުޅެވޭނެކަމާއި މެދު އަދި އެއްޗެއް ބުނަންނޭންގޭކަމަށާއި އޭނާގެ މަސްގަނޑަށް އަނިޔާވެފައިވުމުން، މެޗަށް ކުޅެން އަރުވައިގެން އިތުރު އަނިޔާއެއް ކުރިމަތިވެދާނެތީ އެކަމަށް ވަރަށް ބޮޑަށް ވިސްނަމުންދާކަމަށް ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.

"މީގައި ވަރަށް މުހިންމުކަމެއް މީއީ އެއްވާނެއްގައި އެއް ރޫހެއްގައި ކުޅުމަކީ. އަދި ދަ ގްރާންޑޭ ކަހަލަ އެވެރެޖް ކުޅުންތެރިން އުޅޭ ޓީމެއްގައި އެއްވާނެއްގައި ކޮންމެ މެޗެއްގައި ކުޅުމަކީ އެހާ ފަސޭހަކެމެއްވެސް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންގެ ކުޅުންތެރިންގެ މަސައްކަތުން މިގޮތަށް އެއްވާނެއްގައި މިފެހެއްޓެނީ. އެއް ފެންވަރެއްގައި ކޮންމެ މެޗެއްގައި ކުޅުމަކީ ވަރަށް މުހިންމުކަމެއް، ރަގަނޅު ހިސާބެއްގައި ލީގުގައި ހުރުމަށްޓަކައި. އެހެންވީމަ ކުޅުންތެރިން އެންމެ އިސްކަންދޭވީ އެއްކަމަކީ މިއީ. ދަނޑުމަތީގައި ގެންގުޅޭ އަހުލާގު އަދި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން މެޗުން ނަތީޖާތައް ނެރުން. މިއީ އެންމެ މުހިންމު އެއްކަމަކީ." ދަ ގްރާންޑޭގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ އެސިސްޓަންޓް ކޯޗް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ މިސީޒަންގައި މިހާތަނަށް ޔޫވީއިން ދައްކަމުންދާ ކުޅުމާމެދު އެހާ ހިތްހަމަނުޖެހޭކަމަށާއި އަދި ނަތީޖާތައްވެސް ރަގަނޅު ނޫންކަށެވެ. ޔޫވީގެ ކޯޗް މުހައްމަދު އާދަމް އިސްތިއުފާދިން ކަމުގައި ވީނަމަވެސް އޭގެ އެއްވެސް އަސަރެއް ޓީމަށް ނުކުރާނެކަމަށާއި މިއަހަރުގެ ސީޒަނަށް ޔޫވީއިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ތަޖްރިބާކާރު ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި) އާއެކުކަމަށާއި އެހެންކަމުން ސާންތިއަށް ޓީމްގެ ކުޅުންތެރިން ވަރަށް ރަގަނޅަށް އެގޭނެކަމަށްވެސް ލައްޗޭ ބުންޏެވެ. އަދި އުއްމީދަކީ ދަ ގްރާންޑޭއާއި އިދިކޮޅަށް ކުޅޭ މެޗުގައި މޮޅު ކުޅުމެއްދައްކައި މެޗު ކާމިޔާބުކުރުންކަމަށްވެސް ގައުމީ ޓީމްގެ ކުރީގެ ފޯވާޑް އާދަމް އަބްދުލް ލަތީފް ބުންޏެވެ.

"ދެން މުބާރާތުގައި ލީގް ސިސްޓަމަށް ކުޅޭއިރުގައި ކޮންމެ މެޗަކީވެސް ވަރަށް މުހިންމު މެޗެއް. ކޮންމެ ޕޮއިންޓަކީވެސް ވަރަށް މުހިންމު އެއްޗެއް. އެގޮތަށް އަޒުމް ކަޑައަޅައިގެން މިނިކުންނަނީވެސް. މިހާރު ވަރަށް ރަގަނޅު ކަންތައްތަކެއް މިހާރު އެބަފެނޭ. ކުރިން ޔޫވީއަށް ގޯލެއްވެސް ނުޖެހޭ. މިހާރު ޔޫވީއިން ގޯލްވެސް އެބަޖަހާ. ބައިކޮޅަށް ވަންނަ ލަނޑު ހުއްޓުވަން މިޖެހެނީ. ދެން މިވިސްނަންނީ ދަ ގްރާންދޭ މެޗުން ފެށިގެން ވިސްނަނީ ފުރަތަމަ ހާފްގައި ލިބޭ ފުރުސަތުގެވެސް ބޭނުން ހިފަން. ފުރުސަތުތަކުގެ ބޭނުން ރަގަނޅަށް ހިފިއްޖެޔާ ޔުވީއަށް ރަގަނޅު ނަތީޖާތަކެއް ނެރެވޭނެ." ޔޫވީގެ އެސިސްޓަންޓް ކޯޗް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުންޏެވެ.

މިމެޗަށް ޔުނައިޓަޑް ވިކްޓްރީ ނިކުންނައިރު އެޓީމު އޮތީ ލީގު ތާވަލްގެ އެންމެ ފުލުގައެވެ. އެއީ ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗުން އެއްވަރުވެ 3 މެޗުން ބަލިވެގެންނެވެ.