 
										
			ދުނިޔޭގެ ހަކަތައިގެ ދުވަހާ ގުޅިގެން ހަކަތައިގެ ދާއިރާއަށް މީޑިއާ އަހުލުވެރި ކުރުވުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
 
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ މ މަސައްކަތު ބައްދަލުވުން ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ހަކަތައިގެ ދާއިރާ އާއި ގުޅޭ ޓެކްނިކަލް މައުލޫމާތު މީޑިއާ އަށް ފޯރުކޮށްދިނުން މުހިންމުކަމަށެވެ. ހާއްސަކޮށް އިއާދަކުރުވަނިވި ހަކަތަ އާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
 
މިނިސްޓަރު ވިދާޅުވީ މީޑިއާ އަށް މިފަދަ މައުލޫމާތު އާއްމުވި ވަރަކަށް ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އެހީތެރިވެދޭނެކަމަށެވެ.
 
މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ލައިޓިންގ، އެއަރ ކޮންޑިޝަނިންގ އަދި ހަކަތައާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ބައެއް އިލކްޓްރޯނިކް ސާމާނު ކަރަންޓް ޚަރަދުކުޑަކޮށް ބޭނުންކުރެވޭނެގޮތާއި، ކަރަންޓް ނުވަހަ ހަކަތަ ކުޑަ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުމުގެ މުހިންމުކަމުގެ މައުލޫމާތުވެސް ދީފައިވެއެވެ.
 
މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން އެސްޓީއޯ އަދި ސްޓެލްކޯގެ ފަންނީ މުވައްޒަފުންނެވެ.
 
އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 10 މީޑިއާ އަކުން ބައިވެރިވެފައިވެއެވެ.
 
ދުނިޔޭގެ ހަކަތައިގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހެވެ.