ކުޅިވަރު

ތާވަލްގެ އެއްވަނައިގައި 5 ޕޮއިންޓްގެ ލީޑެއް ނަގަން މާޒިޔާއަށް ލިބުނު ފުރުސަތު ގެއްލިއްޖެ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސްއިން ތާވަލްގެ އެއްވަނައިގައިވާ މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ރޭ ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗްއަށް ނިކުތްއިރު ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އާއެކު ކުލަބްއިން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާއިރު، ކުލަބް އީގަލްސްއިން ފަހަކަށް އައިސް ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން މިމެޗްއަށް ނިކުތްއިރު ކުލަބް އީގަލްސް އޮތީ 8 ޓީމް ކުޅޭ ލީގް ތާވަލްގެ 7 ވަނާގައެވެ. އަދި މިމެޗުން މޮޅުވެގެން ތާވަލްގެ އެއްވަނާގައި 5 ޕޮއިންޓަށް ލީޑް ފުޅާކުރުމުގެ ފުރުސަތު މާޒިޔާއަށް އޮތެވެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް މާރަގަނޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މާޒިޔާގެ ކުރިއަށްކުޅޭ ކުޅުންތެރިންގެ ތެރެއިން ހަމްޒާ މުހައްމަދު އާއި ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސެޓެވާޓްއަށް ލިބުނު ފުރުސަތުތައް ހުއްޓުވުމުގައި އީގަލްސްގެ ޑިފެންސްލައިންއިން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.

އީގަލްސްއިން މެޗް އެއްކޮށްކަހަލަ ގޮތަކަށް ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނައިގެން ކައުންޓަރ އެޓޭކްގައި ލިބޭ ބޯޅަތަކުގައި ހަމަލާތައް އުފައްދަމުންނެވެ. މެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިތާ 3 މިނެޓްގެ ތެރޭގައި ކުލަބް އީގަލްސްއަށް ލަނޑު ޖެހުމަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ މުހައްމަދު ނާއިން އޭރިޔާގެ ތެރެއަށް ވަންނަން ދަނިކޮށް މާޒިޔާގެ ސަމޫހު އަލީ ކުރި ފައުލްއަކާއި ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް ވަނީ އީގަލްސްއަށް ފެނަލްޓީއެއް ދީފައެވެ. ނަމަވެސް ހަންނަ ފޮނުވާލި ބޯޅަ މާޒިޔާގެ ބިދޭސީ ކީޕަރު ނިކޮލަ ވުޔަނަކް މަތަކުރިއެވެ.

އޭގެ ފަހުންވެސް އީގަލްސްއަސް ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެގެން ގޮސްފައެވެ. ދެވަނަ ހާފްގެ 62 ވަނަ މިނެޓްގައި އަހުމަދު އަބްދުﷲ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ގޯލް ކުރިމަތިން ހުރަސްވެގެންދިޔައިރު، އެބޯޅައަށް މާޒިޔާގެ ހަމްޒާ މުހައްމަދު އާއި އިބްރާހިމް މަހުދީ މަސައްކަތް ކުރިނަމަވެސް މިދެ ކުޅުންތެރިންގެވެސް ފައިގައި ބޯޅަ ލައްވާލާވަރެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި މާޒިޔާއަށް ގޯލް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ހަމްޒާ މުހައްމަދުއަށެވެ. ހަމްޒާ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގުމަތިން ކަހަލަގޮތަކަށް އީގަލްސްގެ ކޮކީވަނީ ދިފާއުކޮށްފައެވެ.

މިމެޗްއާއެކު ދިވެހި ޕްރިމިއަރ ލީގްގެ ފުރަތަމަ ބުރުގެ ކުޅުންވަނީ ނިމިފައެވެ. ކޮންމެ ޓީމެއްވެސް ހަތް މެޗް ކުޅެފައިވާއިރު، ތާވަލްގެ އެއްވަނާގައި އޮތީ 15 ޕޮއިންޓްއާއެކު އެންމެ ފަހުގެ ލީގް ޗެމްޕިއަން މަޒިޔާއެވެ. ކުލަބް ވެލެންސިޔާއަށާއި ދަ ގްރާންޑޭއަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނަ ވެލެންސިޔާއަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. 9 ޕޮއިންޓްއާއެކު ތާވަލްގެ 4 ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބް، ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސްއަށްވެސް 8 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލްގެ ތަފާތުން ތާވަލްގެ 5 ވަނަ ލިބެނީ ސަސްއަށެވެ. 5 ޕޮއިންޓްއާއެކު ކުލަބް އީގަލްސް ތާވަލްގެ 7 ވަނައިގައި އޮތްއިރު، 8 ޓީމް ކުޅޭ ލީގްގެ އެންމެ ފުލުގައި އޮތީ 3 ޕޮއިންޓްއާއެކު ޔުނައިޓަޑް ވިކްޓްރީއެވެ. ދިވެހި ޕްރިމިއަރ ލީގްގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ބުދަ ދުވަހުއެވެ.