ޚަބަރު

ކަޅު ބިއްލޫރި ޖެހި ޓެކްސީތަކުގެ ބިއްލޫރި ބަދަލުކުރަން އަންގައިފި


ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގަވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ ޓެކްސީ ޤަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ދޮރުތަކުގައި ހުންނަންޖެހެނީ އެތެރެ ފެންނަ ސާފު ބިއްލޫރިއެވެ. އެގޮތުން ޓެކްސީ ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށެވެ. އެހެންކަމުން ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖަހައިގެން ދުއްވުމަކީ މަނާ ކަމެކެވެ.

ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ 31 ޖަނަވަރީ 2021 އިން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުތަކުގެ 4 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އަންގާ ކަމަށެވެ.

ޓެކްސީތަކުގައި ކަޅު ބިއްލޫރިޖެހުން މަނާކޮށްފައިވަނީ އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި ޚިދުމަތްދޭ ފަރާތުގެ އިތުބާރު ދެމެހެއްޓުމަށްޓަކައެވެ. އަދި މިއީ ޓެކްސީތަކުގައި ހިންގާ ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންކަން މަދުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެެވެ.