މިފަހަރު އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަންނަ ކާގޯ ފެރީ ދަތުރުކުރަމުން ދަނީ ހަމައެކަނި އައްޑޫގެ ވިޔަފާރިވެރިންގެ މުދަލާއިއެކު ފުލް ކެޕޭސިޓީގައިކަމަށް އެމްއެސްއެސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިފިންގ (އެމްއެސްއެސްއިން) އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫ ސިޓީއާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ. އިންޑިއާގެ ޓުޓިކޮރިންއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި އެމްއެސްއެސްއިން ބޭނުންކުރަނީ "އެމްވީ ބޮންތި 2" ބޯޓެވެ. މި ބޯޓުގައި މިހާތަނަށް މުދާ އުފުލަމުން އައިސްފައިވަނީ އެސްޓީއޯއިން ގެންނަ މުދަލާއި، އަމިއްލަ ވިޔަފާރިވެރިންގެ މުދަލެވެ. އެެހެންނަމަވެސް މިފަހަރުގެ ދަތުރުގައި އަމިއްލަ ވިޔަފާރިވެރިންގެ މުދާތައް ގިނަވެފައިވުމުން، އެސްޓީއޯގެ މުދާ މި ދަތުރުގައި ނުގެންނަ ކަމަށް އެމްއެސްއެސްއިން މައުލޫމާތުދެއެވެ.
ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ މިފަހަރު އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ގިނަ އަދަދެއްގެ މުދާ ގެނައުމަށް ހަމަޖެހިފައިވާއިރު، މީގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ބާވަތްތަކާއި ކޮންސްޓްރަކްޝަން ސާމާނު ކަމަށެވެ.
ސައީދު ވިދާޅުވީ ކުރިއަށް ހުރި ދަތުރުތަކާއި ގުޅޭގޮތުންވެސް ވިޔަފާރިވެރިން މައުލޫމާތު ސާފުކުރަމުންދާ ކަމަށެވެ.
ސަައީދު ވިދާޅުވީ އެމްއެސްއެސްއިން ރާއްޖެއިން ބޭރުކުރާ މުދާވެސް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކުރަނީ މަހުގެ އުފެއްދުންތައްކަމަށްވާއިރު، މަސް ރާއްޖެއިން ބޭރުކުރުމަށް ބޭނުންވާ ފިނިކުރި ކޮންޓެއިނަރ ނުވަތަ ރީފަރ ކޮންޓެއިންނަރތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ އެކުންފުނީގެ ވިސްނުން ހުރީ ފެލިވަރުން މަސް ރީފަރ ކޮންޓެއިނަރތަކުގައި މަތީ ފަންތީގެ މާރކެޓުތަކަށް މަސް ފޯރުކޮށްދިނުމަށް ކަމަށެވެ. މިހާރު ފިނިކުރި މަސް އެންމެ ގިނަ އަދަދަކަށް މިފްކޯއިން ބޭރުކުރަމުން ދަނީ ތައިލެންޑު ބާޒާރަށެވެ. އެހެންނަމަވެސް މަހަށް ރަނގަޅު އަގެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެހެން މާރކެޓުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.