ވިޔަފާރި

އިންޑިއާގެ މޭކް މައި ޓްރިޕްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ


ވިޒިޓް މޯލްޑިވްސްއިން އިންޑިއާގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ މޭކް މައި ޓްރިޕްއާއިއެކު ޖޮއިންޓް މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

3 މަސްދުވަހަށް އިންޑިއާ މާކެޓަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ މިކެމްޕެއިންގައި ރާއްޖޭގެ ތަފާތު ޑިސްކައުންޓްތަކާއި ޕްރޮމޯޝަނަލް އޮފާސްތަކުގެ އިތުރުން މޭކް މައި ޓްރިޕްގައި ރާއްޖެ ޑިޖިޓަލްކޮށް އިޝްތިހާރުކުރާނެއެވެ.

ޒަމާނީ ފެންވަރަށް އާ ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޭކް މައި ޓްރިޕްއަކީ އާމަންޒިލްތައް ހޯދައި ޗުއްޓީ ދަތުރު ޕްލޭންކުރުމަށް އިންޑިއާގައި ބޭނުންކުރަމުން އަންނަ އެންމެ ބޮޑު ޕްލެޓްފޯމެވެ.

މޭކް މައި ޓްރިޕްއާއެކު ފެށި ޖޮއިންޓް މާކެޓިން ކެމްޕެއިނެއް މެދުވެރިކޮށް ފަތުރުވެރިން ދިވެހިރާއްޖެ އައުމަށް ޝައުގުވެރިކަން އުފައްދައި، ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވުމަކީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އަދި ހިތްގާއިމު ދަތުރަށް ވެގެންދާނެކަން އަންގައިދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މޭކް މައި ޓްރިޕް މެދުވެރިކޮށް 42 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން އަންނަނީ ޚިދުމަށް ހޯދަމުންނެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ހޮޓެލް އަދި އެއާލައިންސް ޓިކެޓް ބުކްކުރުން ފަދަ ޚިދުމަތް ފޯރުކޮށްދެއެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން މޭކް މައި ޓްރިޕްގެ ޗީފް މާކެޓިން އޮފިސަރ ސުނިލް ސުރޭޝް ވަނީ ދިވެހިރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އަށްފަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އިތުރަށް މަގުބޫލުވެ، އިންޑިއާ ފަތުރުވެރިން އެންމެ ޒިޔާރަތްކުރަން ބޭނުންވާ އެއް މަންޒިލަށް ރާއްޖެ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޖޮއިންޓް މާކެޓިން ކެމްޕެއިން ވިޒިޓް މޯލްޑިވްސް އާއި އެކު ފެށުނީތީ އުފާކުރަން. މި ކެމްޕެއިން މެދުވެރިކޮށް އިންޑިއާއިން ރާއްޖެ ޒިޔާރަތް ކުރަންބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ދައްކުވައިދީ އިޝްތިހާރު ކުރެވޭނެ. އަދި އިންޑިއާ މާކެޓުން ލިބެމުން އަންނަ ކުރިއެރުން ދެމެހެއްޓޭނެ." ސުރޭޝް ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްއިން އަންނަނީ ތަފާތު މާކެޓިން ޚަރަކާތްތަކެއް އިންޑިއާގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދަމުންނެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ކުރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުންދިޔަ ފަތުރުވެރިންގެ އަދަދާއި އެއްވަރަށް ފަތުރުވެރިން ރާއްޖެ ގެނައުމުގެ މަޤްސަދުގައި ފެމެލިއަރައިޒޭޝަން ޓްރިޕްތަކާއި އިންޑިއާގެ ހަނީމޫން ސެގްމަންޓަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ކެމްޕެއިންތަކުގެ އިތުރުން އިންޑިއާގައި ބާއްވާ ޓްރެވެލް ޓްރޭޑް ފެއަރތަކުގައި ބައިވެރިވުން ހިމެނެއެވެ.