ދުނިޔެ

ޔޫއޭއީގައި ވެކްސިން ނުޖަހާ މުވައްޒަފުން ހަފްތާއަކު އެއްފަހަރު ޓެސްޓް ހަދަންޖެހޭނެ


ކޯވިޑުން ރައްކާތެރިވުމަށް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ވަރުގަދަކޮށްފިއެވެ. އަބޫ ދާބީގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި މިވަނީ ހުޅަނގުގެ ޤައުމުތަކުގެ ފިނި މޫސުމާއި ދިމާކޮށް ގިނަ ޢަދަދެއްގެ ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ ވަގުތެއްގައެވެ. ދުބާއީންވެސް ވަނީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް މިިދިޔަ ހަފުތާގައި އިތުރަށް ހަރުކަށިކޮށްފައެވެ.

އަބޫ ދާބީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ޙިއްޞާ އޮންނަ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އިދާރާއަށް ހާޒިރުވެ މަސައްކަތްކުރުމުގެ ޙުއްދަ ދީފައިވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ 30 އިންސައްތައަށެވެ. ކޯވިޑާއި ދެކޮޅަށް ވެކްސިން ޖަހާފައިނުވާ ކޮންމެ މުވައްޒަފަކު ހަފުތާއަކު އެއްފަހަރު ޕީސީއާރު ޓެސްޓެއް ހަދައި ބަލިޖެހިފައި ނުވާކަން ޔަޤީންކުރަން ޖެހޭނެއެވެ. އިދާރާއަށް ނުކުމެ މަސައްކަތްކުރާ މުވައްޒަފުން ފިޔަވާ ދެން ތިބި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމަށްވަނީ އަންގައިފައެވެ. އަދި އުމުރުން 60 އަހަރުން މަތީގެ މުވައްޒަފުންނާއި ޞިއްޙީ މައްސަލަތައް ހުންނަ މުވައްޒަފުން ގޭގައި މަޑުކުރުމަށްވަނީ އަންގައިފައެވެ.

އޭގެ އިތުރުން މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ބައެއް ތަންތަނާއި ސިނަމާތައްވެސް ބަންދުކުރުމަށްވަނީ ނިންމާފައެވެ. އޭގެ އިތުރުން ވިޔަފާރިކުރާ މަރުކަޒުތަކާއި ޖިމްތަކާއި ރެސްޓޯރަންޓުތަކުގެ ޚިދުމަތް އެއްފަހަރާ ހޯދޭނެ މީހުންގެ ޢަދަދަށްވަނީ ބަދަލު ގެނެސްފައެވެ.

ޔޫއޭއީގައި އަމަލުކުރަމުން އައި ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ މިދިޔަ ހަ ހަފުތާގެ ތެރޭގައި އެޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ތިންގުނައަށް އިތުރުވެފައިވަނިކޮށެވެ.

މިދިޔަ ޖޫން މަހުން ފެށިގެން އަބޫ ދާބީން ވަނީ އެ ސަރަޙައްދަށް ދުބާއީ ހުރަސްކޮށް އަންނަ ކޮންމެ މީހަކުވެސް ކޮންމެވެސް ވައްތަރެއްގެ ކޯވިޑް ތަހުލީލެއް ކުރުމަށް، ނުވަތަ ވެކްސިން ޖަހާފައިވާކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭގޮތަށް ޤަވާއިދުތަކުގައި ހިމަނާފައެވެ.

ޔޫއޭއީގައި މިހާތަނަށް 323،402 މީހުންނަށް ކޯވިޑް ޖެހި 914 މީހުންވަނީ މަރުވެފައެވެ.