ޚަބަރު

2000 ހައުސިން ޔުނިޓްތަކަކީ 2 އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް


ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ސޯޝަލް ހައުސިން ޔުނިޓްތަކަކީ 2 އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާ ސޯޝަލް ހައުސިން ޔުނިޓު ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރުމަށް މިމަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީއާވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 3 ކޮޓަރިއާއި 3 ފާޚަނާ ހިމެނޭ 1400 ހައުސިން ޔުނިޓާއި، 2 ކޮޓަރިއާއި 2 ފާޚާނާ ހިމެނޭ 600 ހައުސިން ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ފައިނޭންސިންގެ 85 އިންސައްތައަށްވުރެ ބޮޑުބައި ހަމަޖައްސަނީ މަސައްކަތް ކުރާ ފަރާތުންނެވެ. އަދި މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އިންޑިއާ އެމްބަސީން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސްވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފަށާނެކަމަށާއި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓްތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުންވެސް ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފަށާނެކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އެފޯޑަބްލް ހައުސިން ޔުނިޓްްތައް އެޅުމަށް ހަވާލުކޮށްފައިވާ އެން.ބީ.ސީ.ސީ އަކީ 2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ޖެނެރޭޓްކޮށްފައިވާ ކުންފުންޏެކެވެ. އެން.ބީ.ސީ.ސީ އަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީ.ޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެކެވެ. އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެން.ސީ.ޕީ.އެލް.އީ.އެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް އެން.ބީ.ސީ.ސީގެ ބައިވެރިވުން ހިމެނެއެވެ.

އެން.ބީ.ސީ.ސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަޝްރޫއުތައް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސްގައި ހުންނަ އެގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި ނޮވެމްބަރ 2020 ގައި އޯ.އައި.ސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވުނު އިމާރާތްކަމުގައިވާ ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނެޝަނަލް ކޮންވެންޝަން ސެންޓަރ ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އަދި މާލެ ސަރަޙައްދުން ހުޅުމާލެ ދެވަނަ ފިޔަވަހިގައި އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.