ޚަބަރު

ކޯވިޑް ޖެހިގެން ދުބާއީގައި ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތް ކުރާ އުމުރުން 38 އަހަރުގެ އަބްދުﷲ އިޔާދު އަޙްމަދެވެ.

އޭނާ އެޗްޑީސީގައި މަސައްކަތް ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދުބާއީއަށް ގޮސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަކޮށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ. އެގޮތުން ޔޫއޭއީންވެސް މިހާތަނަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް 16،656 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެެއިން 54 މީހުން ވަނީ ނިޔާވެފައެވެ. އެއީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.