ކުޅިވަރު

ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗްތައް ޗައިނާގައި ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފި


ފީފާ ވޯލްޑްކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ ބާކީ ހުރި މެޗްތައް ޗައިނާގައި ކުޅުމަށް އެގައުމުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗްތައް ޗައިނާގައި ކުޅުމަށް އެގައުމުން ޕްރޮޕޯސަލެއް ހުށައަޅާފައިވާކަމަށެވެ.

ރާއްޖޭ ހިމެނޭ ގުރޫޕް އޭގައި ހިނެނެނީ ޗައިނާގެ އިތުރުން ގުއާން އާއި ފިލިޕީންސާއި ސީރިޔާއެވެ. ޖަވާޒް ވިދާޅުވީ ޗައިނާގެ މިޕްރޮޕޯސަލާއި ގުޅިގެން ޗައިނާއާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގުއާމުން ވަނީ އެގައުމުގެ މެޗްތައް ޗައިނާގައި ކުޅުމަށް އެއްބަސްވެފައެވެ. އަދި ފިލިޕީންސްއިންވެސް ޗައިނާގެ މި ހުށައެޅުމަށް ތާއީދުކުރާކަމަށް ޗައިނާގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ކޮވިޑް19ގެ ސަބަބުން މިދިޔަ އަހަރު ފީފާ ވޯލްޑްކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގެ މެޗްތައް މިއަހަރަށް ފަސްކުރިއެވެ. އަދި މިއަންނަ މަހުގެ 25ވަނަ ދުވަހު ރާއްޖެއާއި ޗައިނާ މެޗާއި 30ވަނަ ދުވަހު ގުއާމާއި ޗައިނާ ކުޅޭ މެޗް މިހާރު ވަނީ ޖޫން މަހަށް ފަސްކޮށްފައެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އޭގައި އަދި ބާކީ ނުކުނެ 8 މެޗް އެބައޮތެވެ. ޗައިނާއިން މިމެޗުތައް ކުޅުމަށް ނިންމާފައިވަނީ އެގައުމުގެ ޝަންހާއީގެ ޕުޑޮން ސްޓޭޑިއަމްގައެވެ.

ގުރޫޕް އޭގައި ހަތަރު މެޗުން 6 ޕޮއިންޓްއާއެކު ރާއްޖޭ އޮތީ ގުރޫޕްގެ 4 ވަނާގައެވެ. މިގުރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ 5 މެޗުން 15 ޕޮއިންޓް ހޯދައިގެން ސީރިއާއެވެ. އަދި 4 މެޗުން 7 ޕޮއިންޓް ލިބިގެން ގުރޫޕްގެ ދެވަނާގައި އޮތީ ޗައިނާއެވެ. ގުރޫޕްގެ ތިންވަނަގައި 5 މެޗުން 7 ޕޮއިން ލިބިގެން އޮތީ ފިލިޕީންސެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.