ދުނިޔެ

މިޔަންމާ މުޒާހަރާތައް ބޮޑުވެ ކޯވިޑް ޓެސްޓްތައް ހުއްޓި ނުރައްކަލަށް


މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫކީގެ ސަރުކާރު ވައްޓާލާ އެ ޤައުމުގެ ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ ސަބަބުން އެޤައުމުގައި ކޯވިޑް ޓެސްޓްކުރާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

މިިދިޔަ ނޮވްމެބަރު މަހު ބޭއްވި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރި ސޫކީގެ ސަރުކާރާއި ދެކޮޅަށް ސިފައިން ބަޣާވާތްކޮށް ސޫކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސް ގިނަ އޮފިޝަލުންތަކެއް ހައްޔަރުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިން ވަނީ އެ ޤައުމުގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.

މިބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އަސްކަރިއްޔާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނެއެވެ. މި މީހުންނާއި ދެކޮޅަށް ފުލުހުންގެ ވެހިކަލްތައް ނުކުމެ ބާރު ސްޕީޑްގައި އަންނަނީ ފެންވެސް ޖަހަމުންނެވެ. މުޒާހަރާއަށް ނުކުންނަ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިފައިން ދިންނަމަވެސް މުޒާހަރާކުރާތާ ތިންދުވަސްވެފައިވާއިރު މިކަމުގައި ބައިވެރިވާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ.

މިކަމާއި ގުޅިގެން އެޤައުމުގައި ކޯވިޑްގެ ހާލަތު ނުރައްކާވެދާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ. މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި މިޔަންމާގައި ކޯވިޑަށް ތަހުލީލުކޮށްފައިވަނީ 1،987 ސާންޕަލެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުން ފެށިގެން މިއަދަދު އެންމެ ދަށްވި ދުވަހެވެ.

މީގެ ހަފުތާއެއް ކުރިން މިޔަންމާގައި ދިޔައީ ދުވާލެއްގެ މައްޗަށް 9،000އަށްވުރެ ގިނަ ސާންޕަލް ތަހުލީލުކުރަމުންނެވެ. އެ ޤައުމުގައި ބަޣާވާތްކުރުމުގެ ކުރިން ދުވާލެއްގެ މައްޗަށް ދިޔައީ 17،000އަށްވުރެ ގިނަ ތަހުލީލުކުރަމުންނެވެ. ޖަނަވަރީ މަހުގެ ފަހު ހަފުތާގެ ތެރޭގައި މިޔަންމާގައި ދުވާލަކު 420 މީހުންނަށް ދިޔައީ ކޯވިޑް ޖެހެމުންނެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާކަމަށް ހިސާބުތަކުން ދައްކަނީ އެންމެ ހަތަރު މީހުންނަށެވެ.

މިޔަންމާގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނަކު އެ ތަފާސްހިސާބުތަކާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށްވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 8ވަނަ ދުވަހުގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ މިދިޔަ މަހުގައި އެ ޤައުމުގައި ފަށާފައިވާ ކޯވިޑް ވެކްސިން މަޝްރޫޢުއަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ޞިއްޙީ ޚިދުމަތްތެރިންނަށް ގޮވައިލައިފައެވެ. އެ ބަޔާނުގައި ބުނީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކޮށް ހުރިހާ މުވައްޒަފުންވެސް އަލުން އަނބުރާ މަސައްކަތަށް ނިކުތުމަށް ގޮވައިލާކަމަށެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ މިޔަންމާއެވެ. އެ ޤައުމުގައި މިހާތަނަށް 141،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު 31،177 މީހުންވަނީ މަރުވެފައެވެ.

މިޔަންމާގައި ކޮށްފައިވާ ބަޣާވާތާއި ދެކޮޅަށް އަޑުއުފުލައި، ހައްޔަރުކޮށްފައިވާ ލީޑަރު ދޫކޮށްލުމަށް ގޮވާލައި ފަށާފައިވާ މަދަނީ ބަސްނޭހުމުގެ ޙާރަކާތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުންދަނީ ޞިއްޙީ ޚިދުމަތްތެރިންނެވެ.

މީގެ ކުރިން މިޔަންމާ ސިވިލް ޑިސްއޮބީޑިއަންސް މޫވްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑްގެ ސަބަބުން މިޔަންމާގެ އާބާދީގެ ބޮޑު ބައެއް ނާޒުކު ޙާލަތެއްގައި ވަނިކޮށް ޤައުމުގެ އަސްކަރިއްޔާއިން އަމިއްލަ މަސްލަހަތު އިސްކޮށްފައިވާކަމަށެވެ. ޤާނޫނާއި ޚިލާފަށް ޤައުމުގެ ވެރިކަމާ ހަވާލުވެފައިވާ، އަދި ޙާލުގައި ޖެހިފައިވާ ބަލިމީހުންނަށް އެއްވެސް އަޅާލުމެއް ނުބަހައްޓާ އަސްކަރިއްޔާއަކުން ދޭ އެއްވެސް އަމުރަކަށް ކިޔަމަން ނުވާނެކަމަށްވެސް އެ މޫވްމަންޓުންވަނީ ބުނެފައެވެ