ވިޔަފާރި

މިއަހަރު ބޭރު ގައުމުތަކަށްގޮސް ފެއަރތަކާއި ރޯޑްޝޯވތަކުގައި ބައިވެރިވާނެ: އެމްއެމްޕީއާރުސީ


1 އަހަރު ދުވަހަށްފަހު މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ފިޒިކަލްކޮށް ނުވަތަ ބޭރު ގައުމުތަކަށްގޮސް ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ހަޔާތުގައި އެއް އަހަރުދުވަހުގެ ތެރޭގައި މިހާތަނަށް ރާއްޖެ އިޝްތިހާރުކުރުމަށް ނުކުރާހާ ގިނަ މަސައްކަތްތައް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެެވެ.

ކޯވިޑް19ގެ ސަބަބުން މިދިޔަ އަހަރު ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ އޮންލައިން ޕްލެޓްޕޯމްތައް މެދުވެރިކޮށެވެ. މިދިޔަ އަހަރުގެ ތެރޭގައި 22 ޓާގެޓް މާކެޓެއްގައި އެމްއެމްޕީއާރުސީން 412 ހަރަކާތެއް ހިންގާފައިވެއެވެ. މީގެތެރެއިން 314 ހަރަކާތަކީ ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކެވެ. މި ކެމްޕެއިން ހަރަކާތްތައް މެދުވެރިކޮށް މަދުވެގެން 5.2 ބިލިއަން މީހުންނަށް ރާއްޖެ އިޝްތިހަރުކުރެވިފައިވާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، ގާތްގަނޑަކަށް 1 އަހަރުދުވަހަށްފަހު ރާއްޖެ އިޝްތިހާރުކުރުމަށް ބޭރު ގައުމުތަކަށްގޮސް ފެއަރތަކާއި ރޯޑްޝޯތަކުގައި އެ ކުންފުނިން މިއަހަރު ބައިވެރިވާނެކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޓީމްގެ މެންބަރުންނަށް މިހާރު ވެކްސިން ޖަހާފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނެއްކާ ގާތްގަނޑަކަށް 1 އަހަރު ދުވަހަށްފަހު ފިޒިކަލް ގޮތުން ފެއަރތަކުގައާއި ބައެއް ކަހަލަ ރޯޑްޝޯތައް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ މަހު އިންޑިއާގައި އޮންނަ ސާޓޭއާއި އަދި އިތުރު ރޯޑްޝޯއަކާއި، ރަޝިއާގައި އޮންނަ ފެއަރއަކާއި ރޯޑްޝޯއެއް ކުރިއަށްގެންދިއުމަށް ޕާރޓްނާރސްއާއިއެއްކޮށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ޓީމް މިވަގުތު ވެކްސިން ޖަހައިފި. އިރާދަކުރެއްވިއްޔާ މިކަންކަމާއިއެކު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ." ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ ފެއަރތަކުގައި ބައިވެރިވާއިރު ދަތިތަކެއްވެސް އެބަހުރިކަމަށެވެ. އެގޮތުން މިހާރު ސްޓޭންޑް ތެރޭގައިވެސް އެއް ވަގުތެއްގައި ތިބެވޭނީ ވަކި އަދަދެއްގެ ބަޔަކަށްކަމަށާއި، ފެއަރއަށް ޒިޔާރަތްކުރެވެނީވެސް ވަކި އަދަދެއްގެ ބަޔަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މިއަހަރު ފަށައިގަތީ އައު ހިތްވަރަކާއި އައު އަޒުމަކާއިއެކުގައިކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށްވެސް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ޔޫކޭއިން ޕޭމް ޓްރިޕްއެއް ގެނެވުނު މިދިޔަ ހަފްތާގައި. ޖަނަވަރީ މަހު މެދު އިރުމަތީގެ ޕޭމް ޓްރިޕްއެއް ގެނައިން. މި ހަފްތާގެ ތެރޭގައިވެސް އިންޑިއާގެ ޕޭމް ޓްރިފްއެއް އެބަކުރިއަށްދޭ. ކްރޮއޭޝިއާއާއި ރަޝިއާގެ ޕޭމް ޓްރިޕްއެއް މިއަދު އަންނާނެ. ހަމައެހެން އަޅުގަނޑުމެން މޭކް މައި ޓްރިޕް އިންޑިއާއާއިއެކު 3 މަހުގެ ކެމްޕެއިނެއް ފަށައިގެން އެބަ ކުރިއަށްގެންދަން. އެކްސްޕީޑިއާއާއިއެކު 3 މަހުގެ ކެމްޕެއިނެއް ފަށައިގެން ކުރިއަށް އެބަ ގެންދަން. ޓްރިޕް އެޑްވައިޒާއާއިއެކު 9 މަހުގެ ކެމްޕެއިނެއް އެބަ ކުރިއަށްގެންދަން. ކީމާކެޓްތައް މި ކެމްޕެއިންތަކުގެ ތެރެއިން ކަވަރ ކުރެވޭނެ." ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކާއި ގުޅިގެންވެސް އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ޤަތަރު އެއަރވޭސްއާއި އެމިރޭޓްސްއާއިއެކު ގްލޯބަލް ކެމްޕެއިންތަކެއް ފަށައިގެން ކުރިއަށްދާއިރު ވަކި މާކެޓްތަކަށް އަމާޒުކޮށްގެން އެއަރ އަސްތާނާ، ބްރިޓިޝް އެއަރވޭސްއާއި، ކޮންޑޯ އަދި ޓާކިޝް އެއަރވޭސްއާއިއެކު ކެމްޕެއިންތަކެއް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މުޅި ދުނިޔޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ވަރަށް މަޝްހޫރުވެފައިކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެގޭ އެކި ވޯޓްތަކުންނާއި، އެކި ސަރވޭތަކުގައި ރާއްޖެ އޮންނާނީ އެންމެ ކުރީގައި އޮންނަ ގައުމުތަކުގެ ތެރޭގައިކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ. މީގެ އަސްލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.