ޚަބަރު

އައްޑޫ ހޮސްޕިޓަލުން ކޯވިޑަށް ހެދި ޓެސްޓް 10،000 މައްޗަށް


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޯވިޑަށް 10،000 ޓެސްޓު ހަދައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓު ހަދަން ފަށާފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެއާއި އެކު އެރަށުގެ ރައްޔިތުންގެ އިތުރުން ކައިރި އަތޮޅުތަކުން ގެންނަ ސާމްޕަލްތަކުގެ ޓެސްޓްވެސް އެ ހޮސްޕިޓަލްގައި އަންނަނީ ހަދަމުންނެވެ. އޭއީއެޗްއިން ވިދަޅުވީ މިހާތަނަށް 10،000 އަށް ވުރެ ގިނަ ޓެސްޓް ހަދާ ނަތީޖާތައް ދޫކުރުމަކީ ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ޕީއެސްއެމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުއިޓޯރިއަލް ހޮސްޕިޓަލުގެ އެކްޓިން މެޑިކަލް ޑައިރެކްޓަރ ޑރ. އަބްދުﷲ އަދުސާރު ވިދާޅުވީ، މިއީ ވަރަށް ބޮޑުކުރިއެރުމެއްކަމަށާއި ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 350 ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.

" މިއީ ދެން ވަރަށް ބޮޑު އެޗީވްމެންޓެށް ކުޑަ ފެސިލިޓީ އަކާއި ބަލާފަ. އޭގެ އިތުރަށް އަޅުގަނޑުމެންގެ ލެބޯޓަރީގައި ދުވާލެއްގެ މައްޗަށް 350 ޓެސްޓު ކުރެވޭނެ. މިހަފްތާ ތެރޭގައި ކޯވިޑް ކޭސްތައް ފެށިގެން އައިއިރު އެކެޕޭސީޓީ އަށް ނުކުރެވޭ ސަބަބަކަށް ވާނީ، ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ޓީމްތައް މަދުވުން. އެކަމަކު މިހާރު އެވެސް އަޕްކޮށް، 4 ޓީމެއް ސާމްޕަލް ނެގުމުގެ ކަންކަމުގައި ކުރިއަށް އެބަދޭ. " ޑރ. އަދްސާރު ވިދާޅުވިއެވެ.

އޭއީއެޗުން ވިދާޅުވީ، މިހާރު އައްޑޫގައި އެކްޓިވްކޮށް ހުރި ކްލަސްޓަރ ތަކުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިމި، 600 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓްކުރުމަށް ގެނެސްފައިވާކަމަށެވެ. އަދި މި ސާމްޕަލްތަލުގެ ނަތިޖާއަށް ބަލާ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށް އެ ސެންޓަރުން ބުނެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ ދުވަހެއްގެތެރޭގައި ފަށާނެ ކަމަށް އޭއީއެޗް އިން ވިދާޅުވެއެވެ. ރެންޑަމް ސާމްޕަލް ނެގުން ލަސްވެގެން ދިޔައީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ދިއުމުންކަމަށާއި މިހާރު އެ މަސައްކަތް ނިމި ރެންޑަމް ސާމްޕަލްތައް ނެގުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައްޑޫއިން ދެ ކްލަސްޓަރ އެއް ފެނި 55 މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އޭވިއޭޝަން ކްލަސްޓަރ އިން މިހާތަނަށް 28 މީހަކުވަނީ ޕޮޒިޓިވެފައެވެ. އަދި ހުޅުމީދޫ އެމްޓީސީސީ ކްލަސްޓަރ އިން 26 މީހަކު ޕޮޒިޓިވެފައިވާއިރު ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިކޭސްތަކާއި ގުޅިގެން އައްޑޫގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.