ޚަބަރު

ކޯވިޑް-19 : ނުރައްކާ އިތުރުވަނީ، އިތުރު 209 މީހުން ޕޮޒިޓިވް


ރާއްޖޭގައި ކޯވިޑްގެ ނުރައްކަލުގެ ޙާލަތު ގޯސްވެ، އިތުރު 209 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 209 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 101 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 15 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންގެ އިތުރުން ސިނާޢީ ރަށްތަކުން ޕޮޒިޓިވްވި 73 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވް 14 މީހެކެވެ.

މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،716 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 149 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 15،291އަށް އަރާފައެވެ. މިވަގުތު ކޯވިޑްގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުން އަންނަނީ 2،360 މީހުންނަށެވެ. އޭގެ ތެރެއިން 190 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،006 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މިބަލި ދެނެގަތުމަށް ޖުމްލަ 457،673 ސާމްޕަލް ރާއްޖޭގައި ވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ.